ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަުމުން އަރައިގަތުމަށް ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފު ކުރި ރިކަވަރީ ލޯނު ސްކީމުގެ ދަށުން ލޯނު ނަގާފައި ތިބި ފަރާތްތަކުގެ ގްރޭސް ޕީރިއަޑް އިތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ފިނޭންސް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުމްލަ 19 މަސްދުވަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށްދީފައި ވާނެ ކަމަށާއި އޭޕްރީލް 9، 2023 ގެ ކުރިން މިކަމަށް އެދި ހުށަހަޅުމަށް އެ މިނިސްޓްރީން އެދުނެވެ. އަދި މި ފުރުސަތު ހުޅުވާލެވިފައި ވަނީ މީގެ ކުރިން ގްރީސް ޕީރިއަޑް އިތުރު ކޮށްދީފައި ނުވާ ފަރާތްތަކަށެވެ. މީގެ އިތުރުން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ގްރޭސް ޕީރިއަޑް ހިމެނޭ ގޮތަށް ޖުމްލަ 103 މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު ލޯނު ނެގި ހުރިހާ ފަރާތްތަކަކަށް އޮތް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި ސްކީމްގެ މައިގަނޑު މަގްސަދަކީ ކޮވިޑްގެ19 ގެ ސަބަބުން ދިމާވި އިގްތިސާދު ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވާކިންގް ކެޕިޓަލް ފޯރުކޮށްދީ، މުއައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާ ގޮތަށް، އެ އުނދަގޫ ދަނޑިވަޅުގައި އެހީތެރިވުމުގެ ގޮތުން ހުޅުވާލެވުނު ސްކީމެކެވެ. އެހެންކަމުން ލޯނު އަނބުރާ ދެއްކުމަށް ވީހާވެސް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ފާހަގަ ކުރިއެވެ.

އެހެން ކަމުން ގްރޭސް ޕީރިއަޑް އިތުރުކުރަން ބޭނުންވާ ފަރާތްތަކުގެ އިތުރުން ލޯނު ރީ ޝެޑިއުލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ބީއެމްގެ މެއިލް އެޑްރެސް [email protected] އަށް ހުށަހެޅުމަށް އެދުނެވެ.

އަދި މި މުއްދަތު ހަމަވާ ތާރީހުގައި ބީއެމްއެލް އަށް ފާހަގަވެފައިވާ، 90 ދުވަހަށް ވުރެ ގިނަ ދުވަހަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށާއި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް މިނިސްޓްރީން ބުނިއެވެ.