ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ސިދާތު މަލްހަތްރާ 38، އާއި ކިއާރާ އަދުވާނީ 30، ކައިވެނި ކޮށްފިއެވެ.

ޖެއިސަލްމާރުގެ ގަނޑުވަރު ސޫރިއަގަރް ޕެލަސްގައި ކުލަދަކޮށް ނަމަވެސް ޕްރައިވެޓްކޮށް ބޭއްވި ހަފްލާގައި ބައިވެރިވެފައި ވަނީ ދެތަރިންގެ އާއިލާއިންނާއި ރަހުމަތްތެރިންގެ އިތުރުން ބޮލީވުޑުން ދެތަރިންގެ އެންމެ ގާތް ރަހުމަތްތެރިންނެވެ. އޭގެ ތެރޭގައި މަނީޝް މަލްހަތްރާ، ކަރަން ޖޯހަރު އަދި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ކަޕޫރުވެސް ހިމެނެއެވެ.

ކައިވެނިކުރުމަށް ފަހު ކިއާރާ އާއި ސިދާތު ވެސް ވަނީ ދެމީހުންގެ އިންސްޓަގްރާމުގައި ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފައެވެ. ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކުރަމުން ދެމީހުން ވެސް ބުނީ އުމުރު ދުވަހަށް ދެމީހުންވެސް ޕާމަނަންޓުކޮށް ބުކްކުރެވިއްޖެ ކަމަށެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޝޭރްޝާހް" ގެ ސެޓުން ދެތަރިން ލޯބީގެ ގޮތުން ގުޅުނުއިރު މިދެތަރިންވަނީ ގުޅުމުގެ ވަރަށް ކުރީކޮޅު ދެތަރިންގެ އާއިލާ އާއި ވެސް ބައްދަލުކޮށްފައެވެ. ފިލްމު "ޝޭރްޝާހް"ގެ ސެޓުން ދެތަރިން ގުޅުނުއިރު ދެމީހުންގެ ކެމިސްޓްރީ ވަރަށް މެޗުވާ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ. ފިލްމުގެ ޝޫޓިންގެ ދުވަސްވަރު ދެތަރިން އެއްކޮށް އެކި ތަންތަނުން ބައްދަލު ކުރާތަން ޕަޕަރާޒީންގެ ކެމެރާ އަށް އެރި ނަމަވެސް ރަށްޓެހިވެގެން އުޅޭ ކަން ދެމީހުންކުރެ އެކަކުވެސް ހާމަކޮށްފައެއް ނުވެއެވެ.

ކައިވެނީގެ ވާހަކަ ވެސް ވަރަށް ސިއްރުކޮށްގެން ދެތަރިން އުޅުނުނަމަވެސް މި އަހަރު ދެމީހުން ކައިވެނިކުރާނެ ކަން ފަޅާއަރުވާލީ ކޮފީ ވިތު ކަރަން ސީޒަނުގައި ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީ ބައިވެރިވި އެޕިސޯޑުގައެވެ.