އަނޫރާގް ބާސޫ ޑައިރެކްޓްކޮށް ކުޅަދާނަ އެކްޓަރު ކާތިކް އާރްޔަން ލީޑު ރޯލު ކުޅޭ ފިލްމު "އާޝިގީ 3" އަށް ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ހާން ހަމަޖައްސައިފި ކަމުގެ އަޑު ފެތުރެން ފަށައިފިއެވެ.
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސައިފް އަލީ ހާންގެ ދޮށީ ދަރިފުޅު ސާރާ ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނިއިރު މި ފިލްމަށް ޕަންކަޖް ތްރިޕާތީ ވެސް ސޮއިކޮށްފައިވާ ކަމަށެވެ. ސާރާ ފިލްމަށް ސޮއިކޮށްފައިވާ ކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، ފިލްމުގެ ޕްރޮޑިއުސަރު މުކޭޝް ބަޓް މީގެ ކުރިން ބުނީ "އާޝިގީ 3" ގެ ބަތަލާ އަކަށް ނަގާނީ ވަރަށް ފްރެޝް ތަރިއެއް ކަމަށާއި މުޅިން އާ ބަތަލާ އެއް ކަމަށެވެ. އޭގެ ފަހުން ޓީވީ ބަތަލާ ޖެނިފާ ވިންގެޓަށް މި ފިލްމުގެ ބަތަލާގެ ރޯލު ދިން އަޑު ވެސް ފެތުރުނެވެ.
ބަތަލާ ސާރާ މި ފިލްމަށް ސޮއިކޮށްފި ނަމަ މި ފިލްމު ވެގެންދާނީ ސާރާ އާއި ކާތިކް އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ. 2020 ވަނަ އަހަރު ނެރުނު ފިލްމު "ލަވް އާޖް ކަލް" އަށް ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް އެ ފިލްމުގެ ސެޓުން ދެތަރިން ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ގުޅުމަށް ނިމުމެއް އައެވެ. ފޭނުން ބުނީ އަލުން ސާރާ އާއި ކާތިކްގެ ކެމިސްޓްރީ ބަލައިލަން ބޭނުންވާ ކަމަށާއި ކުރީގެ ދެ ލޯބިވެރިން ކަމުން ދެތަރިންގެ މެދުގައި ކެމިސްޓްރީ ވަރަށް ވަރުގަދަ ވާނެ ކަމަށެވެ.
އާޝިގީ އަކީ އިންސްޓޯލްމަންޓެކެވެ. މި ފިލްމުގެ އެންމެ ފުރަތަމަ ފިލްމު "އާޝިގީ" ރިލީޒްކުރީ 1990 ގައެވެ. އެ ފިލްމު ޑައިރެކްޓްކުރީ މަހޭޝް ބަޓްއެވެ. ފިލްމުގެ ތަރިންނަކީ ރާހުލް ރޯއީ އަދި އަނޫ އަގަރުވާލެވެ. މި ފިލްމުގެ ދެވަނަ އިންސްޓޯލްމަންޓް "އާޝިގީ 2" ނުކުތީ 2013 ވަނަ އަހަރުގައެވެ. އެ ފިލްމުގައި ހަރަކާތްތެރިވީ އަދިތްޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ. މޯހިތު ސޫރީ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.
މި ފިލްމުގެ ތިން ވަނަ އިންސްޓޯލްމަންޓުގެ މަސައްކަތް ފަށާނީ އަނޫރާގްގެ "މެޓްރޯ: އިން ދިނޯ" އަންނަ ޑިސެމްބަރު މަހު ގެނެސްދިނުމަށްފަހު އެވެ. ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ މަސައްކަތް ފަށާނެއެވެ. އަދި ފިލްމު އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެއެވެ.