އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރިއިރު ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީއިން ބޭއްވި އެ ޕާޓީގެ ޕްރައިމަރީގެ ދާއިމީ ނަތީޖާ މިއަދު އިއުލާން ކޮށްފައި ވާއިރު އެ އިންތިހާބުގައި 57،255 މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 24،566 ވޯޓެވެ.

އެ އިންތިހާބުގައި 680 ވޯޓެއް ބާލިތުވެފައި ވާއިރު އެ އިންތިހާބުގައި 71.41 ޕަސެންޓް މީހުން ވަނީ ވޯޓުލާފައެވެ.

ވަކިވަކި ނަތީޖާތަކަށް ބަލާލާއިރު، ރާއްޖޭގެ ހަތަރު ސިޓީގެ ތެރެއިން ކުޅުދުއްފުށި ފިޔަވައި މާލެ އާއި ފުވައްމުލަކުގެ އިތުރުން އައްޑޫން ކުރި ލިބިފައި ވަނީ ރައީސަށެވެ. ދެ ރައީސުން ވެސް އެންމެ ގިނައިން ވައުދުތައް ވެވަޑައިގެންފައިވާ އައްޑޫން ރައީސް ކުރި ހޯއްދެވިފައި ވަނީ 221 ވޯޓުގެ ތަފާތަކުންނެވެ. އަދި މާލޭން ކުރި ހޯއްދެވިފައި ވަނީ 84 ވޯޓުގެ ތަފާތަކުންނެވެ.

ވަކިވަކި ދާއިރާތަކުގެ ތެރެއިން ހަތް ރަށެއްގައި ބަހައްޓާފައި ހުރި ފޮށިތަކުގެ ނަތީޖާ އަށް ބަލާލާއިރު ނަޝީދަށް އެ ހަތް ރަށުން އެއްވެސް ވޯޓެއް ނުލިބެއެވެ. އެއީ ލ. މުންޑޫ، ތ. ވަންދޫ، އދ. ދިއްދޫ، އދ. ކުނބުރުދޫ، އއ. ބޮޑުފޮޅަދޫ، ރ. ކިނޮޅަސް، ހދ. ނޮޅިވަރަންފަރެވެ. ނަމަވެސް ރައީސްގެ އަރިސް ބައެއް ބޭފުޅުންގެ ބައެއް ރަށްރަށުން ނަޝީދު ކުރި ހޯއްދަވާފައި ވާއިރު، ނަޝީދުގެ ބައެއް އަރިސް ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުން ރައީސަށް ކުރި ލިބިވަދައިގެންފައި ވެއެވެ.