ސްޓާ ޕްލަސް އިން ދައްކާ އެންމެ މަގުބޫލު ޝޯ 'އަނުޕަމާ'ގެ ޕްރޮޑިއުސަރަކީ 'ޖާދޫގަރެއް' ކަމަށް އެ ޑްރާމާގެ ލީޑް ތަރި ރުޕާލީ ގަންގުލީ ބުނެފިއެވެ.

ކުރިން ވެސް ބައެއް ޑްރާމާތަކާއި ފިލްްމުތަކުން ވެސް ފެނިފައިވާ ރުޕާލީ ބުނީ އަނުޕަމާ އަކީ އޭނާގެ މުޅި ކެރިއަރު ބަދަލުކޮށްލި ޑްރާމާއެއް ކަމަށެވެ. އެ ޑްރާމާގެ މަސައްކަތަކީ ވަރަށް ގަޔާވެެގެން ކުރަމުންދާ މަސައްކަތެއްކަން ހާމަކޮށްދެމުން ރުޕަލީ ބުނީ އޭނާއަށް ދުވާލު އަރާމުކޮށްލަން ލިބެނީ ތިން، ހަތަރު ގަޑިއިރު ކަމަށެވެ. އަދި އޭނާ ޑްރާމާގެ ސެޓަށް ދާ ހިތުން ރަނގަޅަށް ނުވެސް ނިދޭކަމަށް ރުޕާލީ ބުންޏެވެ.

އާއިލީ ހަމަނުޖެހުން ތަކެއްގެ ތެރޭގައި އަންހެނަކު ކުރާ ހިއްވަރާއި އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތް ފެނިގެންދާ އަނުޕަމާ އަކީ އެ ޑްރާމާ ދައްކަން ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް ޓީއާރްޕީގެ އެއްވަނައިގައި އޮންނަ ޑްރާމާއެކެވެ. އަނުޕަމާގެ ކާމިޔާބީ އަށް އުފާކުރަމުން ރުޕާލީ ބުނީ އެ ޑްރާމާގެ ޕްރޮޑިއުސަރު ރަޖަން ޝާހީ އަކީ ވަރަށް ކުޅަދާނެ މީހެއް ކަމަށެވެ، އަދި އޭނާއަކީ 'ޖާދޫގަރެއް'ގެ ގޮތުގައު ރުޕާލީ ވަނީ ސިފަކޮށްފައެވެ.

އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރުޕާލީ އަނުޕަމާގެ ރޯލު ކުޅެން ފެށީ ދުވާލަކަށް 1.5 ލައްކަ ރުޕީސް ލިބޭ ގޮތަށެވެ. އެހެންނަމަވެސް އެ ޑްރާމާއަށް ލިބުނު ބޮޑު ތަރުހީބާއެކު މިހާރު އޭނާއަށް ދުވާލެއްގެ މައްޗަށް 3 ލައްކަ ރުޕީސް ލިބެއެވެ،