އައްޑޫ ސިޓީ ފޭދޫން ގޯތި ދޫކުރުމަށް ކުރި އިއުލާން ކެންސަލްކޮށް، ގޯއްޗަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފައި ވާކަމަށް ބުނެ ދެކެވޭ ވާހަކަތައް އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ދޮގުކޮށްފިއެވެ.

'ދަ ޕްރެސް' ނޫހަށް މައުލޫމާތު ދެއްވަމުން ސަލްމާ ވިދާޅުވީ ފޭދޫ އިން ގޯތި ދޫކުރަން ކުރި އިއުލާން ކެންސަލްކޮށް، ގޯއްޗަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފައި ވާކަމުގެ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެ ފަދަ ނިންމުމެއް އައްޑޫ ސިޓީ ކައުންސިލުން ވެސް އަދި ފޭދޫ އަވަށު އޮފީހުން ވެސް ނިންމާފައި ނުވާނެކަމަށް ސަލްމާ ވިދާޅުވިއެވެ.

އިތުރަށް ސަލްމާ ވިދާޅުވީ ގޯއްޗަށް އެދި ހުށަހެޅުމަށް ފުރާ ފޯމްގެ އެއް ސަފްހާގައި މައްސަލަ އެއް ހުރިކަން އަވަށު އޮފީހުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަން އައްޑޫ ސިޓީ ކައުންސިލަށް ވެސް މިހާރު އަންގާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އަދި އެ ފޯމު ސެޓުގެ އެ ސަފްހާ އަށް ހަދަންޖެހޭ ގޮތެއް ސިޓީ ކައުންސިލުން އަންގާފައި ނުވާކަަމަށެވެ. "ފޯމުގެ އެއް ސަފްހާގައި މައްސަލައެއް ހުރުމުން އެކަން ވަނީ ސިޓީ ކައުންސިލަށް އަންގާފައި. އަދި ސިޓީ ކައުންސިލުން އެކަމަށް އަމަލުކުރަންޖެހޭ ވަކި ގޮތެއް އަންގާފައެއް ނެތް. އެ ސަފްހާއަށް އިތުރު ބަދަލެއް ގެންނަ ނަމަވެސް މިހާރު ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތައް ބަދަލު ގެނެސް އެކަން އަންގާނެ" ސަލްމާ ވިދާޅުވިއެވެ.

އިތުރަށް ސަލްމާ ވިދާޅުވީ ގޯއްޗަށް އެދި ހުށަހެޅުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަަށާއި އެއްވެސް ބަދަލެއް އަންނަނަމަ ކައުންސިލުުން އެކަން އާންމުކޮށް އަންގާ އިއުލާން ކުރާނެ ކަމަށެވެ.

ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ސިޓީ ކައުންސިލުން ކުރި އިއުލާންގައި ބުނެފައިވާ ގޮތުން ފޭދޫ އިން ދޫކުރާ 300 ގޯތީގެ ތެރެއިން 90 އިންސައްތަ ނުވަތަ 270 ގޯތި ހާއްސަވާނީ އެ އަވަށުގެ ރައްޔިތުންނަށެވެ. ބާކީ 30 ގޯއްޗަށް އެހެން އަވަށްތަކުގެ ރައްޔިތުންނަށް ވެސް ކުރިމަތިލެވޭނެއެވެ.