ހދ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި އަަޅަން ގެނެސްފައި ހުރި ޓާފްތަކުގައި ރޯކޮށްލައިފިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރޭގެ ވަގުތެއްގައި ގަސްތުގައި ބަޔަކު ޓާފްތަކުގައި ރޯކޮށްލާފައިވާ ކަމަށެވެ.

ގިނަ ގޮންޖެހުންތަކާއެކު ދިގުލައިގެން ދިޔަ ނޮޅިވަރަމްގެ ފުޓްބޯޅަ ދަނޑުގެ ޓާފްތަކުގައި ރޯކޮށްލާފައި ވަނީ ޓާފް އަޅަން 3 ދުވަހަށް ވެފައި ވަނިކޮށް ކަމަށް ވެސް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މަހުލޫފް އިތުރަށް ވިދާޅުވީ އެތައް މިލިއަން ރުފިޔާގެ ގެއްލުން ދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސް އެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް ކަމުގައެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށާއި ޓާފްތަކުގައި ރޯކޮށްލި ހަބަރު ލިބިފައި ވަނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށެވެ. އަދި އެއާއެކު އެ ސަރަހައްދަށް ގޮސް ޓާފްތަކުގައި ރޯކޮށްފައިވާ އަލިފާންގަނޑު ނިންވާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޔޫސުފް މޫސާ އިތުރަށް ވިދާޅުވީ ޓާފްތަކުގައި ރޯކޮށްލި ފަރާތެއް އަދި ރޯކޮށްލި ސަބަބެއް އެނވަޑައިގެންފައި ނުވާ ކަމަށެވެ.

ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަނީ 5 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް ހޭދަ ކޮށްގެންނެވެ.