ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމައްޓަކައި، ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ޕްރައިމަރީއާ ގުޅޭގޮތުން އެ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލަ ތަކުގެ ތެރޭގައި ނަތީޖާއަށް ބަދަލު އަންނަވަރުގެ މައްސަލަތައް ހިމެނޭކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

ކެމްފެއިން މަރުހަލާގެ އިތުރުން ވޯޓްލުމުގެ ކަންކަން ކުރިއަށް ދިޔަ ވަގުތުވެސް ނަޝީދުގެ ކެމްޕެއިން ޓީމުން ދިޔައީ ރައީސް ސޯލިހު ޓީމުން ޕްރައިމަރީ ގަޑުބަޑުކޮށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ކުރަމުންނެވެ.

ނަޝީދުގެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް މިއަދު ވިދާޅުވީ ޖުމްލަ 53 މައްސަލަ ހުށަހަޅާފައި ވާ ކަމަށާއި އޭގެތެރޭގައި ނަތީޖާއަށް ބަދަލު އަންނަވަރުގެ މައްސަލަތައް ވެސް ހިމެނޭކަމަށެވެ.

ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މައްސަލަތަކަށް ބަލާއިރު، ރައީސް ސޯލިހްގެ ކެމްޕެއިން ރަމްޒުކޮށްދޭ ޓީޝާޓްތައް ލައިގެން ގޮސް ވޯޓު ލާފައިވާ މައްސަލައާއި، ވޯޓު ފޮށި ވައްޓާލައި ކަރުދާސްތައް ބިންމައްޗަށް އުކާލައި އުސޫލެއްނެތި އެއަނބުރާ ވޯޓުފޮށްޓަށް އަޅާ ގުނާފައިވާ މައްސަލައިގެ އިތުރުން ވޯޓު ލާފައިވާ ގޮތް ކަށަވަރު ކުރުމަށް ތަފާތު ނިޝާންތައް ވޯޓު ކަރުދާހުގައި ކުރަހާފައިވާ މައްސަލައެވެ.

މީގެ އިތުރުންވެސް ނަޝީދުގެ މަންދޫބުންގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައާއި، ވޯޓު ލާން އަންނަ މީހުނަށް ވޯޓުލުމަށް ހުރަސް އަޅާފައިވާ މައްސަލައާއި، އޮފިޝަލުންނަށް ވޯޓު ކަރުދާސް ދައްކަން މަޖުބޫރު ކުރުމާއި ދައްކާ މައްސަލައާއި، ވޯޓު ކަރުދާސް ހުސްވެގެން ވޯޓުލާން ކިއޫގައި ތިބި މީހުން ވޯޓު ނުދެވިގެން ދިޔަ މައްސަލައެވެ.

ނިމިދިޔަ ޕްރައިމަރީގައި ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައިވާ ނަޝީދު އަށް ލިބިފައިވަނީ ވޯޓުލީ މީހުންގެ 39 ޕަސެންޓްއެވެ. 61 ޕަސެންޓް މީހުންގެ މެޖޯރިޓީއާއެކު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. ޕްރައިމަރީގެ ކާމިޔާބީއަށްފަހު ސޯލިހުވަނީ ނަޝީދުގެ ކިބައިން ގުޅިގެން އެކުއެކީގަ މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ނަޝީދުގެ ވިސްނުންފުޅު ހުންނެވީ އެއާ ހިލާފަށް ރައީސް ސޯލިހްއާ ވަކިން މަސައްކަތްކުރެއްވުމަށެވެ. އެގޮތުން، "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ހުރިހާ ރަށެއްގައި ގޮފިތައް ހަދައި، އެމްޑީޕީގެ ދަފްތަރުން ވަކިކުރި 39 ހާސް މެންބަރުން ޕާޓީ އާ ގުޅި، އެ މެންބަރުން ހިމެނޭހެން ގޮތް ނިންމުމަށް އެމަނިކުފާނު ހިޔާލު ފާޅުކޮށްފައިވާއިރު، އަންނަ ފެބްރުއަރީ މަހު އެމްޑީޕީގެ ކެންޑިޑެންސީ ރަސްމީކޮށް ރައީސް ސޯލިހްއަށް އެރުވުމަށް ހަމަޖައްސާފައިވެއެވެ.