ރިޔާސީ ބަޔާން އިއްވާތީ އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އެ ދުވަހުގެ ހެނދުނު 9 ޖަހާއިރު ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމާފައިވާއިރު ރިޔާސީ ބަޔާން އިއްވާ ކޮންމެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މީގެ ކުރިންވެސް ކަނޑައަޅައެވެ.

ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަނީ އެ އިރެއްގައި ރައީސަކަށް ހުންނަވާ ބޭފުޅާގެ ރިޔާސީ ބަޔާނުންނެވެ. އެ ދުވަހު އޮންނާނީ ރިޔާސީ ބަޔާން އިއްވުން އެކަންޏެވެ. އަދި މަޖިލީހުގެ މައިނޯރިޓީ ޕާޓީން ރިޔާސީ ބަޔާނަށް ޖަވާބު ދިނުން ވެސް އޮންނާނެއެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް ގައުމުގެ ހާލަތު ބަޔާންކޮށް، ރަނގަޅުކުރަން ހުރި ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެއް ރައީސް މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވަވަން ވާނެއެވެ.