ކީރިތި ޤްރުއާން އުނގެނި، އެ މަތިވެރި ފޮތް ހިތުން ދަސްކުރުމަކީ އެހާމެ މާތް އަމަލަކަށް ވާއިރު ރާއްޖޭގައި ޤްރުއާން ހިތުދަސް އެތައް ހާފިޒުންނަކާއި ހާފިޒާއިން ތިބި ކަމީ އުފާކުރަން ޖެހޭ ކަމެކެވެ.

ތުއްތު އުމުރުން ފެށިގެން ކީރިތި ޤްރުއާނަށް ތުއްތު ދަރިފުޅުގެ ޝައުގު އުފެއްދުމަށް މައިންބަފައިން މަސައްކަތް ކުރާ އިރު ބައެއް ކުދިންނަކީ ހުދު އެކުދިން އަމިއްލައަށްވެސް ޤްރުއާނަށް ހާއްސަ ލޯތްބެއް ދޭ ކުދިންނެވެ.

ފ. ބިލެއްދުއަށް އުފަން އެރަށު އަލިވިލާގޭ އައިމިނަތު އައިފާ އަކީ އެންމެ ތުއްތު އިރުން ފެށިގެން ޤްރުއާން ހިތުދަސް ކުރުމަށް ލޯބިކުރި އަދި މިހާރުވެސް ޤްރުއާނަށް ހާއްސަ ޝަައުގެއް ހުންނަ ކުއްޖެކެވެ. އައިފާގެ އުމުރުން މިހާރު 17 އަހަރު ވީ އިރު، އޭނާ ވަނީ ޤްރުއާން ހިތުދަސްކުރުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދާފައެވެ.

އައިފާގެ ހާފިޒާ ކަމުގެ ސަނަދު

ބިލެއްދޫގެ ފުރަތަމަ ހާފިޒާއަށް ވުމުގެ ޝަރަފު ހާސިލް ކުރި އައިފާ "ދަ ޕްރެސް" އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ، ކުޑައިރު މަންމަ އަބަދުވެސް ކުދިންނަށް ޤްރުއާން އުގަންނައިދޭ އިރު އެތަން ބަލަން އިންނަ ކަމަށާއި އޭރުވެސް މަންމަގެ އެންމެ ބޮޑު ހުވަފެނަކީ އައިފާ އަށް ޤްރުއާން އުގަންނައިދީ އެ ރޮނގުން ކުރިއެރުވުމަށް ކަމުގައެވެ. އަދި މަންމަގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ނިޔަތިގައި އެންމެ ފުރަތަމަ ޤްރުއާން ހިތުދަސް ކުރުމުގެ ބިންގާ އެޅިގެން ދިޔައީ އެރަށު "ބިލެއްދޫ ލާނިންގް ސެންޓަރު" ގައި ހިންގަމުން ދިޔަ ހިފްޒު ކުލާހުން ކަމަށް ވެސް ބުންޏެވެ.

އެންމެ ތުއްތު އިރުން ފެށިގެން ނުބަލާ ކިޔުމުގެ ގޮފިން އަބަދުވެސް ކިޔަވަމުން އަންނަ އައިފާ ބުނި ގޮތުގައި ގުރްއާން އުނގެނި ދަސްކުރުމަށް މަސައްކަތް ކުރިއިރު ކިޔައިދޭން އޮންނަ ދުވަހު ވަކި ވަރަކަށް ދަސްކޮށްފައި ކިޔައިދެވޭތޯ މަސައްކަތް ކުރުމުގެ އިތުރުން އަބަދުވެސް މުރާޖަައާ ކުރަމުންދާ ކަމަށެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކޮށް ނިންމުމުގެ އަމަލީ މަސައްކަތް އެންމެ ބޮޑަށް ކުރެވިފައި ވަނީ ކޮވިޑް 19 ގެ ބަލިމަޑުކަމުގައި ރާއްޖެ ލޮކްޑައުން ކޮށްފައި އޮތް ދުވަސްވަރު ކަމަށެވެ. އަދި އެއީ ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ ބުރަ އަހަރެއް ކަމުން އިތުރު ހިއްވަރެއް ނެރެ އެކަން ކާމިޔާބު ވެގެން ދިޔައީ އޭނާގެ މައިންބަފައިންގެ މިންނަތް މަސައްކަތުގެ އިތުރުން ހުއްޓުމެއްނެތި ލިއްބައިދިން ހިތްވަރުގެ ސަބަބުން ކަމަށް އައިފާ ގަބޫލު ކުރެއެވެ.

ގައުމީ ޤްރުއާން މުބާރާތް 2022ގައި އައިފާ ކިޔަވަނީ

އައިފާގެ ކާމިޔާބީއާ އެކު އުފަލުން ތިބި އޭނާގެ މައިންބަފައިންގެ ތެރެއިން އޭނާގެ މަންމަ "ދަ ޕްރެސް" އަށް ބުނީ، އައިފާއަށްޓަކައި ފަހުރުވެރިވާ ކަމަށާއި އާއިލާގައި ހުރި ހަމަ އެކަނި އަންހެން ދަރިފުޅުގެ އެ ކާމިޔާބީއަކީ އައިފާގެ ވެސް ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށެވެ. ގްރޫޑް 2-3 ފެށޭ އުމުރުން ފެށިގެން އައިފާ އަށް ޤްރުއާން އުގަންނައިދޭން ގިނަ މަސައްކަތްތައް ކުރި ކަމަށާއި، އައިފާ ޤްރުއާން ދަސްކުރަމުން ދިޔަ އިރު، އެންމެ ދުވަހަކުވެސް ދަސްކުރި ބައި ކިޔައި ނުދެވިއްޖެނަމަ ދެރަވެގެން ވެސް އުޅޭ ކަމަށް މަންމަ ބުންޏެވެ.

ކާމިޔާބީއަށް އައިފާ ކުރި ބުރަ މަސައްކަތް

އައިފާ އާއެކު ގިނަ ކުދިން ތަކެއް ޤްރުއާން ހިތުދަސްކުރުމުގެ މަސައްކަތުގައި އުޅުނު ނަމަވެސް ގިނަ ކުދިން ވަނީ ވަކި ހިސާބަކުން އެ މަސައްކަތް ހުއްޓާލާފައެވެ. ވަރުގަދަ އަޒުމަކާއި ހިތްވަރެއް ހުރެއްޖެނަމަ މިއީ އުނދަގޫ ކަމަކަށް ނުވާކަން ގަބޫލު ކުރާ އައިފާ ރަނގަޅު ނަތީޖާއެއް ހޯދުމުގެ ނިޔަތުގައި ފޯނާއި ސޯޝަލް މީޑިއާ ބޭނުންކުރުމާ ދުރުވެ ކީރިތި ގުރްއާން ކިޔަވާ ދަސްކުރުމަށް ވަގުތު ހުސްކުރިއެވެ. އަދި 2021 ވަނަ އަހަރު ނިމުމުގެ ކުރިއަށް 25 ފޮތް މުރާޖައާ ކުރުމަށް އަޒުމް ކަނޑައަޅައިގެން ހުރި އިރު އެއަހަރު ނިންމާލީ ކީރިތި ގުރްއާން އެއްކޮށް ހިތުދަސްކޮށްގެން ކަމީ ގަބޫލުކުރަން ދަތިވި ކަމެއް ކަމުގައި އައިފާ ބުންޏެވެ.

ހާފިޒާކަން ހާސިލުކޮށް އައިފާ ރަށަށް ދިޔަ އިރު އޭނާގެ މަންމަ ކައިރީގައި / ފޮޓޯ: ބިލެއްދޫ ކައުންސިލް އެފްބީ

ގާރީ މިޝްއާރީގެ ކިޔެވުން އެންމެ ކަމުދާ އައިފާ ބުނިގޮތުގައި އެންމެ އިސްކަމެއް ދޭން ވާނީ ނަމާދު ކުރުމަށެވެ. އެގޮތުން ސްކޫލުގެ ކިޔަވާ ގަޑި ނިންމުމަށްފަހު ވެސް ގެއަށް އައިސް އެންމެ ފުރަތަމަ އިސްކަމެއް ދެނީ ނަމާދު ކުރުމަށް ކަމަށާއި އެއަށް ފަހު ޤްރުއާން ކްލާސް ނިންމުމަށް ފަހު ނޫނީ ފިލާވަޅުތައް ނަހަދާ ކަމަށް ބުންޏެވެ. އަދި ލިބޭ ހުސްވަގުތައް ހޭދަ ކުރަނީ ޤްރުއާން ކިޔެވުމުގެ އިތުރުން މުރާޖައާ ކުރުމުގައިކަން ފާހަގަ ކުރިއެވެ. ކީރިތި ޤްރުއާން ދަސްކޮށް މުރާޖަޢާ ކުރުމަށްޓަކައި ވަރަށް ވަގުތު ބޭނުން ވާކަމަށާއި އެގޮތުން އެންމެ ސޫރަތެއް މުރާޖައާ ކުރުމަށް ގަޑިއިރެއް ނޫނީ ދެ ގަޑިއިރު ހޭދަވާކަމަށް ބުންޏެވެ. އަދި އާންމުކޮށް ކިޔަވަނީ ހަވީރު ނުވަތަ ދެނަމާދު ދޭތެރޭ ކަމަށް ވެސް އައިފާ ބުންޏެވެ.

ހާފިޒާކަން ހާސިލުކޮށް އައިފާ ރަށަށް ދިޔުމުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔަނީ / ފޮޓޯ: ބިލެއްދޫ ކައުންސިލް އެފްބީ

އައިފާ އަކީ ފަސްމީރު ކުރިރުކެއް

ބިލެއްދޫ ސްކޫލްގައި ސާނަވީ ހަޔާތް ނިންމާލުމުގެ އިތުރުން އައިފާ ވަނީ ތަޢުލީމީ ގޮތުންނާއި އިތުރު ހަރަކާތްތަކުން ވެސް ކާމިޔާބީއާއި ރަންވަނަ ތަކެއް އެރަށު ސްކޫލުން ހާސިލް ކޮށްފައެވެ. ސްކޫލްގައި ރާވާ ހިންގާ ޤްރުއާން މުބާރާތްތަކުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް ގަވާއިދުން ބައިވެރިވެ ވަނަތައް ހާސިލް ކޮށްފައި ވެއެވެ. ސްކޫލްގެ އިސް މަގާމުތަކުގެ ތެރެއިން ފ. ބިލެއްދޫ ސްކޫލްގެ ވައިސް ކެޕްޓަންކަން އަދި ދިވެހި ކްލަބް ގެ ރައީސާކަން ވެސް ކޮށްފައި ވާއިރު މީގެ އިތުރުން 2021 ވަނަ އަހަރު އޮތް އޯލަވެލް އިމްތިހާނުން ނެޝަނަލް ޓޮޕް ޓެންގެ 3 ވަނަ ހޯދާފައި ވާކަން ފާހަގަ ކުރެވެއެވެ. ޤްރުއާން ހިތުދަސް ކުރަމުން ދިޔަ އިރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުކަމަށާއި ކޮންމެ އުނދަގުލަކާ ކުރިމަތިލާން ޖެހުނަސް މައިންބަފައިން އަބަދުވެސް ކައިރީގައި ހިތްވަރު ދިނުމަށް ތިބޭކަމީ އައިފާ އަށް މިކަން ކާމިޔާބު ކުރެވުނު މައިގަނޑު ސަބަބު ކަމުގައި ދެކެއެވެ.

ހާފިޒާއަކަށް ވުމުން އައިފާ ރަށަށް ބޭލީ ރަތްދޫލައިގައި

އުފަންރަށުން އައިފާއަށް ކިއި މަރުހަބާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އޭނާ ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެކަން ފާހަގަ ކުރުމަށްޓަކައި ރަށުގެ ކައުންސިލްގެ އިތުރުން ރަށުގެ ރައްޔިތުން ކުރި ހުރިހާ ކަމަކީ ވެސް ހިތުގެ އަޑިން ބަލައިގަންނަ ކަމެއް ކަމުގައި ބުންޏެވެ. މި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން 1400 މީހުންގެ އާބާދީއެއް އޮންނަ ރަށުގެ ކައުންސިލުން ވަނީ ރަތްދޫލައިގެ ހޫނު މަރުހަބާއެއް ކިޔައި ހަދިޔާއެއްގެ ގޮތުން 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދީފައެވެ. އަދި އައިފާގެ ޝަރަފުގައި ރަށުގެ ކުދި ބޮޑު އެންމެނަށް ވަނީ ސައިދީފައެވެ.

ހާފިޒާކަން ހާސިލުކޮށް އައިފާ ރަށަށް ދިޔުމުގެ އުފަލުގައި ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ދިން ސައި / ފޮޓޯ: ބިލެއްދޫ ކައުންސިލް އެފްބީ
"ރަށުގައި ވަރަށް ނުހުންނާނެ، އައިފާގެ ކާމިޔާބީގައި ބައިވެރި ނުވާ އެކަކުވެސް، އެއީ ރަށަށް ލިބުނު ޝަރަފެއް، ކައުންސިލުގެ ފަރާތުން އެކަން ފާހަގަ ކޮށް ސަޔެއް އިންތިޒާމް ކޮށްދިނީ"
ކައުންސިލް މެންބަރު

މިހާރު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 12 ގައި ކިޔަވަމުންދާ އައިފާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ބޭރު ގައުމެއްގެ ޤްރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމުގެ މަގުފަހިވެގެން ދާނެ ދުވަހެކެވެ. އަދި ކިޔެވުމަށް ވަކި ދާއިރާއެއް އަދި މުޅިން ނިންމާފައި ނުވާ ކަމަށާައި "ނިއުރޯސައިންސް" ގެ ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުން ހުރިކަމަށް އައިފާ ބުންޏެވެ.

ހާފިޒާކަން ހާސިލުކޮށް އައިފާ ރަށަށް ދިޔުމުގެ އުފަލުގައި ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ދިން ސައި / ފޮޓޯ: ބިލެއްދޫ ކައުންސިލް އެފްބީ

މި ކާމިޔާބީގެ ޝުކުރު ހައްގުވާ ފަރާތްތައް ވެސް ގިނަކަން ފާހަގަ ކުރަމުން އައިފާ ބުނީ މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ ތިން ބޭބެގެ އިތުރުން ފ. ބިލެއްދޫ ލާނިންގް ސެންޓަރުގައި ކިޔަވައިދެއްވި އުސްތާޒް އާއި ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރްކަޒުގައި ކިޔަވާ ދެއްވި ހާމިދް އުސްތާޒްގެ ނަން ފާހަގަ ކުރާ ކަމަށެވެ. މީގެ އިތުރުން މާލޭގައި މަންމަ އާ ވަކިން އިންނަ އިރު (ކަޒިން) މުސްލާ ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ކަމަށާއި އެހެން ކަމުން އޭނާއަށް ވެސް ޝުކުރު އަދާ ކުރާކަމަށް ބުންޏެވެ. މީގެ އިތުރުން އޭނާގެ ކާމިޔާބީ ފާހަގަ ކޮށްދިނީތީ ރަށުގެ އެންމެހާ ކުދިބޮޑު އެންމެންވެސް އެލިސްޓުގައި ހިމަނައެވެ.