އެމްޑީޕީން އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީ އަކީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ އެންމެ ކާމިޔާބު އެއް އެތެރޭގެ އިންތިހާބު ކަމަށާއި، މިއީ މިނިވަން، ސައްހަ، އަދި އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކުރައްވާ ކަމަށް، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީ އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީގެ އޮފީހުގައި އިންތިހާބާ ބެހޭ ކޮމިޓީން ބޭއްވި ޕްރެސް ބްރީފިންގައި އެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ އިބްރޭ ވިދާޅުވީ މި އިންތިހާބަކީ:

  • މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުފޮށި ބަހައްޓައިގެން ބޭއްވި ފުރަތަމަ އިންތިހާބު ކަމަށް
  • އިންތިހާބު ބޭއްވި ދުވަހުގެރޭ ވަގުތީ ނަތީޖާ އިއުލާނުކުރެވުނު ކަމަށް، މިއީ ވެސް އަލަށް ކުރެވުނު ކަމެއް

އިއްޔެ ހިނގައިދިޔަ ބައެއް ކަންތައްތަކާ ގުޅިގެން ބައެއް ފޮށިތައް ބަންދުނުކޮށް ވޯޓުލުން ކުރިއަށް ގެންދިޔަކަމަށް އިބުރޭ ވިދާޅުވިއެވެ. އެގޮތުން ގދ. ތިނަދޫގެ ދެ ނަންބަރު ފޮށީގައި ދިމާވި މައްސަލައަކާ ގުޅިގެން އެ ފޮށްޓަށް ވޯޓުލުން ރޭ 10:30 ވަންދެން ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވިއެވެ.

"ކާމިޔާބުކަމަށް މި ދަންނަވާ އަނެއް ސަބަބަކީ މިވަރުގެ ބޮޑު ވާދަވެރި އިންތިހާބެއް ނިންމާލިއިރު އަޅުގަނޑުމެންގެ ހޮޓްލައިނަށާއިި އޮންލައިންކޮށް އަޅުގަނޑުމެންނަށް ލިބުނު ޝަކުވާ،"

އިބުރޭ ވިދާޅުވި ގޮތުގައި އޮންލައިންކޮށް 50 ޝަކުވާ، އަދި ހޮޓްލައިން މެދުވެރިކޮށް 10 ޝަކުވާ ހުށަހަޅާފައިވެއެވެ.

ޕްރައިމަރީ އާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކުގެ ތަފްސީލް ދެއްވަމުން، އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މެންބަރު އަނަސް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި، މައިގަނޑު ގޮތެއްގައި ޝަކުވާތައް ލިބިފައި ވަނީ:

  • ދާއިމީ އެޑްރެސް ބަދަލުވެގެން ލިސްޓާ ދިމާނުވެގެން
  • ލިސްޓުގައި މެންބަރުންގެ ނަން ނެތިގެން
  • އައިޑީ ކާޑުގެ މުއްދަތު ހަމަވެގެން

ބައެއް ސަރަހައްދުތަކުގައި ވޯޓު ފޮށިތަކަށް ގެއްލުންދީ ވޯޓު ކަރުދާސްތައް ވީދާލި މައްސަލަތައް ފެންމަތިވެފައިވެއެވެ. އެ މައްސަލައާ ގުޅިގެން އަނަސް ވިދާޅުވީ، އިއްޔެ ބޭއްވުނު ޕްރައިމަރީ އަކީ އެމްޑީޕީ އަށް މުހިންމު ޕްރައިމަރީ އެއް ކަމުން، އިންތިހާބީ މައްސަލަތައް ދިމާވި ހުރިހާ ރަށެއްގައި ވެސް ވޯޓުލުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށެވެ.

އަނަސް ސިފަކުރެއްވި ގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 70 ޕަސެންޓު މީހުން ވޯޓުލާން ނުކުތުން އެއީ ކާމިޔާބެއް ގޮތުގައެވެ.

އަކްރަމް ކަމާލުއްދީން ވިދާޅުވީ، މައްސަލަތަކެއްގެ ސަބަބުން ލަސްވި ނަމަވެސް، ޕްރައިމަރީގައި ހަރަކާތްތެރިވި އޮފިޝަލުންގެ މަސައްކަތްތައް ފުރިހަމަ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ އަށް ބަލާލާއިރު، ގާތްގަނޑަކަށް 9،000 ވޯޓުގެ ތަފާތަކުން ކުރީގައި އުޅުއްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް ޖުމްލަ 24،572 ވޯޓު ލިބުނު ކަމަށް ދައްކާއިރު، ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އެމަނިކުފާނާ ވާދަވެރި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.