ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލްޓް 16ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން ގާއިމުކުރި ޖެނެރަލް ޕްރެކްޓިސް ކްލިނިކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަޙައްދުގައި، ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވާއިރު ކްލިނިކް ހުޅުއްވައި ދެއްވުމަށް ފަހު ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ރަނގަޅު ސިއްހީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތުތަކުގެ ތެރެއިން ހިމެނިގެންވާ ސިޔާސަތެއް ކަމަށެވެ.

އެ ގޮތުން ގިނަ މީހުންނަކީ އާންމު ބަލިތަކުގެ ޑޮކްޓަރުންގެ ހިދުމަތް ހޯދާ މީހުން ކަމަށްވެފައި މި ކްލިނިކް ހުޅުވިގެން ދިޔުމަކީ ވަށައިގެންވާ ހިޔާ ފްލެޓް ތަކުގަ ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް ފައިސަލް ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ޞިއްޙީ ދާއިރާއަށް ކުރާ ހޭދަ އިތުރުކޮށް، ސަރަޙައްދީ ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައި ވާކަން ފާހަގަ ކުރައްވަވާ އިތުރަށް ފައިސަލް ވިދާޅުވީ، މީގެ އިތުރުންވެސް ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތައް ތަރައްގީ ކޮށްދެއްވަވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކްލިނިކް ހުޅުވާދިނުމަށް ފަހު، ކްލިނިކްގެ ޔުނިޓްތައް ބައްލަވާލައްވައި އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އޮޅުންފިލުވާފައެވެ.

ޖެނެރަލް ޕްރެކްޓިސް ކްލިނިކް ބައްލަވާ ލައްވަނީ

ހިޔާ ފްލެޓް 16ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ޤާއިމްކޮށްފައިވާ، މި ކްލިނިކްގައި އާންމު ބަލިތަކުގެ ޑޮކްޓަރުން ބަލިމީހުން ބައްލަވައި ފަރުވާދިނުމުގެ އިތުރުން ލެބޯޓްރީގެ ޚިދުމަތާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުން އަދި ނެބިއުލައިޒް ކުރުމާއި، އީ.ސީ.ޖީ ހެދުން ފަދަ ހިދުމަތްތައް ލިބިގެންދާނެއެވެ. އަދި ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެކްސިންޖެހުމުގެ ޚިދުމަތުގެ އިތުރުން އެސްޓީއޯގެ ބޭސްފިހާރައެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

ކްލިނިކުން ޚިދުމަތްދެމުން ގެންދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން ހަވީރު 5:00އަށެވެ.