ޔޫރޭސިއަން ގައުމުތަކަށް ހާއްސަ ނުވަތަ ޔޫރަޕާއި އޭޝިއާ ގުޅާލަދޭ އެންމެ ބޮޑު ބައްރު ތަމްސީލު ކުރާ، ޝަންގްހައި ކޯޕަރޭޝަން ޝަމިޓު (އެސްސީއޯ) ގައި ބައިވެރިވުމުގެ ދައުވަތު އިންޑިއާއިން، ޗައިނާ އާއި ޕާކިސްތާނަށް ދީފިއެވެ.
ޒަމާންވީ ހަތުރުންގެ ގޮތުގައި ތިބޭ މި 3 ގައުމުން، އެއް ގައުމު އަނެއް ގައުމަށް އެކި ކަންކަމުގައި އަބަދުވެސް ފާޑުކިއި ނަމަވެސް، ޝަންގްހައި ކޯޕަރޭޝަން ސަމިޓަށް އިންޑިއާއިން ދައުވަތު ދިނުމަކީ 3 ގައުމުގެ މެދުގައި އޮތް ނުތަނަވަސް ކަމަށް ފިނިކަމެއް އަތުވެދާނެ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.
އަންނަ މެއި މަހުގެ 4-5 އަށް އިންޑިއާގެ ގޯއާގައި ބާއްވާ ސައިމިޓުގައި ބައިވެރިވަޑައިގަތުމަށް އިންޑިއާ އިން ދައުވަތު ދިނީ، ޗައިނާގެ އާ ފޮރިން މިނިސްޓަރު ކިން ގޭންގް އަށާއި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫއަށެވެ.
މި ދައުވަތު ޗައިނާ އާއި ޕާކިސްތާނުން ގަބޫލު ކުރިކަމެއް އަދި ނޭނގެއެވެ.
20 އަހަރު ވީ ޝަންގްހައި ކޯޕަރޭޝަނަކީ ރަޝިއާ، އިންޑިއާ، ޗައިނާ، ޕާކިސްތާންގެ އިތުރުން ސެންޓްރަލް އޭޝިއާގެ 4 ގައުމު ކަމުގައި ވާ ކަޒަކިސްތާން، ކިރިގިސްތާން، ތަޖިކިސްތާން އަދި އުޒުބަކިސްތާން ބައިވެރިވާ ޖަމާއަތެކެވެ. ދެން މި ޖަމާއަތާ ގުޅިފައި ވަނީ އީރާނެވެ.
ޝަންގްހައި ކޯޕަރޭޝަނަކީ، މެންބަރު ގައުމުތަކުގެ މެދުގައި އިގްތިސޯދީ، އިޖުތިމާއީ، ސަގާފީ އަދި ސަލާމަތީ ގޮތުން ގުޅުން ބަދަހި ކުރުމާއެކު ބަވަނަ ވަމުން އަންނަ ދުނިޔޭގެ އެކިއެކި ކަންކަމުގައި ހިޔާލާއި މަޝްވަރާ ކޮށް މެދުމިނުގެ ހައްލުތަކެއް ހޯދައިގެން ކުރިއަށް ދިޔުމަށް މަސައްކަތް ކުރާ ޖަމާއަތެކެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ޓެރަރިޒަމާއި، ދީނީ މައްސަލަތަކާއި އެއްބަޔަކު އަނެއްބަޔަކާ އަރާރުންވާ ސަލާމަތީ ދާއިރާ އާ ގުޅުން ހުރި ގިނަ ކަންކަން ހިމެނެއެވެ.
އެސްސީއޯގެ ދަށުން މި މަހު އިންޑިއާގައި ފިލްމް ފެސްޓިވަލެއް ވެސް ބާއްވާފައި ވެއެވެ. ނަމަވެސް މި ފެސްޓިވަލްގައި އެހެން ހުރިހާ ގައުމަކުން ބައިވެރި ވި އިރު ޕާކިސްތާނުން ބައިވެރިވެފައެއް ނުވެއެވެ.
އިންޑިއާ، ޕާކިސްތާން އަދި ޗައިނާ އަކީ، 3 ގައުމު ގުޅޭ އިމުގެ މައްސަލައިގައި އަބަދުވެސް އަރާރުންވާ 3 ގައުމެކެވެ. ޗައިނާ އަށް ވުރެ ބޮޑަށް ޕާކިސްތާނާއި އިންޑިއާ އާ ދެމެދު އޮންނަ މައްސަލަތައް ގިނައެވެ. އެގޮތުން، އިންޑިއާއަށް ދޭ ޓެރަރިސްޓް ހަމަލާތައް ރާވާ ހިންގަނީ ޕާކިސްތާނުގައި ކަމަށް އިންޑިއާއިން ބުނުމާއި ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ ކަޝްމީރުގެ މިލްކުވެރިކަމާ މެދު ތަޅާފޮޅުން ފާހަގަ ކޮށްލެވެއެވެ.
ޗައިނާ އާއި އިންޑިއާ އާ ދެމެދުވެސް އޮންނަ އެންމެ ބޮޑު މައްސަލަ އަކީ، އިމުގެ މައްސަލައެވެ. މީގެ އިތުރުން އާބާދީގެ ގޮތުންނާއި އަސްކަރީ ގޮތުން އަދި އިގްތިސޯދީ ގޮތުން ޗައިނާ ފަހާލަން އިންޑިއާއިން ބޭނުން ވުމަކީވެސް މައްސަލަތައް އުފެދިފައި އޮންނަ ކަމެކެވެ.
އެސްސީއޯގެ ތެރެއިން އިންޑިއާ ހާސިލުކުރަން އެންމެ ބޮޑަށް ބޭނުން ވަނީ، ގައުމުތަކުގެ މެދުގައި އޮންނަ ވިޔަފާރީގެ ގުޅުންތަކުގެ ޔަގީންކަމާއެކު ވިޔަފާރީގެ ހަބަކަށް އިންޑިއާ ހެދުމެވެ. އެގޮތުން އުފެއްދުންތެރި ކަމުގެ ރޮނގުން ކުރިއަރާ ދާން އިންޑިއާ ބޭނުން ވެއެވެ.