އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް އައްޑުއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ އިރު، ރައީސް ސޯލިހްގެ ކެމްޕެއިންގެ އެންމެ ފަހުގެ އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ އައްޑޫ ސިޓީގައެވެ. މި ހަފްތާގެ ބުރާސްފަތި ދުވަހު ރައީސް ސޯލިހްގެ ކެމްޕެއިން ނިންމާލާ ޖަލްސާ އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު އެ މަނިކުފާނު ވަނީ މި މަހުގެ 13 ވަނަ ދުވަހުވެސް އައްޑޫއަށް ވަޑައިގެންފައެވެ.

ފޭދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ކުރެއްވި 'ރަސްމީ ދަތުރުފުޅު' ގައި ވެސް އެ މަނިކުފާނު ވަނީ އެމްޑީޕީގެ ކެމްޕައިން ހަރަކާތްތައް ކުރިއަށް ގެންދަވާފައެވެ. މި ގޮތުން އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވާފައި ވާއިރު އެ މަނިކުފާނު ވަނީ ދޮރުން ދޮރަށްވެސް ހިންގަވާފައެވެ.

ރައީސް ސޯލިހް މި މަހުގެ 26 ވަނަ ދުވަހު އައްޑޫ އަށް ވަޑައިގަތުމަށް ނިންމަވާފަ އިވާއިރު މިއަދު ރައީސް ނަޝީދުވެސް އައްޑޫ އަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ. ރައީސް ނަޝީދުއަށް މަރުހަބާ ކިޔުމަށް އެ މަނިކުފާނުގެ ސަޕޯޓަރުން ތައްޔާރުވަމުން އަންނައިރު އެމަނިކުފާނުގެ ދަތުރަށް ބައެއް މުއައްސަސާތަކުން ހުރަސް އަޅަމުންދާކަމުގެ ތުހުމަތުތަކެއް ވެސް އަންނަނީ ކުރަމުންނެވެ.