އެހެން އަހަރުތަކެކޭ އެއްފަދައިން ރޯދައަށް ހާއްސަކޮށްގެން ހިންގާ އަދި ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ސޭލް ކަމަށްވާ "އެސްޓީއޯ ރަމަޒާން ބާޒާރު" މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، 22 ޖެނުއަރީ އިން ފެށިގެން 29 އެޕްރީލްގެ ނިޔަލަށް ކުރިއަށްދާ މި ސޭލް ބާއްވަން ހަމަޖެހިފައި ވަނީ އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން ރީޖަނަލް ފިހާރަތަކުގައެވެ. އަދި އެސްޓީއޯ މަކިޓާ ޝޯރޫމްގެ އިތުރުން ނިޕޯން ޝޯރޫމް ރަމަޒާން ބާޒާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 29 އޭޕްރީލްގެ ނިޔަލަށެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރަކީވެސް، ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަން ބޭނުންކުރާނެ އަަހަރެއްގެ އިތުރުން ހިތްގައިމު ޑިސްކައުންޓްތަކެއް ވެސް އެކުލެވިގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

މި ހާއްސަ ޕްރޮމޯޝަންގެދަށުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި ނަސީބުވެރިޔަކު ހޮވިގެން ދާނީ ޕްރޮމޯޝަން ހިންގާ ހުރިހާ އައުޓްލެޓްގެ ކޫޕަންތަކުގެ ގުރުއަތުން ނެގޭ އެއްފަރާތަކަށް ކަމަށް އެކުންފުނިން ބުނެއެވެ.

މި ފަހަރުގެ ނަސީބުވެރި 1 ފަރާތަކަށް، 2 މީހުންގެ އުމްރާ ދަތުރެއް ހުށަހަޅާފައި ވާއިރު ނިމިދިޔަ އަހަރު ވަނީ 1000 ޑޮލަރާއެކު ތުރުކީ ދެކޮޅު ޓިކެޓް ނަސީބުވެރިފަރާތަކަށް ދޫކޮށްފައެވެ.