މާފުށި ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ބައްދަލު ކުރައްވައިފިއެވެ.
ރައީސް ޔާމީން އާ ބައްދަލު ކުރެއްވުމަށް މާފުށްޓައް ވަޑައިގަތް ޓީމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ އިތުރުން މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ކައުންސިލް މެންބަރު އިބްރާހިމް ސުޖާއުގެ އިތުރުން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އާއި ފަރެސްމާތޮޑާ ދާއިރާ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) އާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނު ހިމެނެއެވެ.
މާފުށި ޖަލުގައި ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށް ފަހު އަދުރޭ ވިދާޅުވީ ރައީސް ޔާމީން އާ ބައްދަލުވެއްޖެ ކަމަށާއި އެމަނިކުފާނު ހުންނެވީ ފިސާރި ގަދަކޮށް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށާއި އަޅުވެތިކަމަށް ބޯނުލަންބަވާނެ ކަމަށް ޔާމީން ވިދާޅުވެފައި ވާކަމަށެވެ.
މައުސޫމުކަން ސާބިތު ކޮށްދެއްވާނެ ކަމަށް ޔާމީން ދައްކަވާ ވާހަކަ ތަކުރާރު ކުރައްވަމުން، ރައްޔިތުން މާޔޫސް ނުވެ ގަދަކޮށް ތިއްބުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ނެރޭނެ ކެންޑިޑޭޓަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން އަންނަނީ ތައްޔާރު ވަމުންނެވެ.