ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ ރެކޯޑު އޮންނަ ފްރާންސްގެ ލުސީލް ރެންޑޯން 118، އަހަރުގައި މަރުވެއްޖެއެވެ.

ލުސީން ރެންޑޯން ނުވަތަ އާންމު ނަމުންނަމަ ސިސްޓާ އަންދުރޭ މަރުވީ ތޫލާން ސިޓީގައި މުސްކުޅިން ބަލަހައްޓާ ތަނުގައެވެ. 2021 ވަނަ އަހަރު ކޮވިޑު ޖެހިގެން އެބަލިން ސަލާމަތްވި މީހުންގެ ތެރެއިން އެންމެ މުސްކުޅި މީހާގެ ލަގަބު އޮތް ސިސްޓާ އަންދުރޭ މަރުވީ ނިދުމުގެ ތެރޭގައެވެ. އާންމުކޮށް ފަތިހު ފަތިހާ ފައްޅިއަށް ދާ އަންދުރޭ ނުހޭލައިގެން އެތަނުގައި އުޅޭ މުވައްޒަފުން އޭނާ އަށް ގޮވަން ދިޔައިރު، އޭނާ މަރުވެފައި އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރު ގިނިސް އިން ނެރުނު ރިޕޯޓުގައި ބުނީ އަންދުރޭގެ މުޅި ހަޔާތް އޭނާ ވޭތުކޮށްފައި ވަނީ އަޅުކަމުގައި ފައްޅި ތެރޭގައި ކަމަށެވެ. 1904 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އުފަންވި އަންދުރޭ މަރުވީ އޭނާއަށް 119 އަހަރުވާން މަހެއް އޮއްވައެވެ. ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ ރެކޯޑު އަންދުރޭ އަށް މިދިޔަ އަހަރު ލިބުނީ އޭރު ދުނިޔެއިން އެންމެ މުސްކުޅި މީހާ ޖަޕާނަށް ނިސްބަތްވާ ކާނޭ ޓަނަކާ އުމުރުން 119 އަހަރުގައި މަރުވުމާ ގުޅިގެންނެވެ.

އަންދުރޭގެ އިތުރުން ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ ރެކޯޑު އޮތީ ވެސް ފްރާންސަށް ނިސްވަތްވާ އަންހެނެއް އަތުގައެވެ. އެ ރެކޯޑު މުގުރާލެވިފައި ނުވާއިރު ފްރާންސަށް ނިސްބަތްވާ ޖެނީން ލުއީސް ކްލެމެންޓު މަރުވީ އުމުރުން 122 އަހަރުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖެނީން އުފަންވީ 1875 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭނާ މަރުވިއިރު އުމުރަކީ 122 އަހަރާއި 164 ދުވަހެވެ.