2008 ވަނަ އަހަރު އިންޑިއާގެ ބޮމްބޭގައި ހުންނަ ތާޖުމަހަލް ހޮޓަލަށް ޓެރަރިސްޓް ހަމަލާދިން ލަސްކަރޭ ތައިބާގެ ޗީފް ހާފިޒް ސައީދުގެ ޅިއަނު އަބްދުލް ރެހެމާން މައްކީ އަކީ ޓެރަރިސްޓެއް ކަމަށް އަދ އިން ކަނޑައަޅައިފިއެވެ.

މިދިޔަ ހޯމަ ދުވަހު އދ ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި، މައްކީ އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅާ މުދާ ހިފަހައްޓާ، ދަތުރުފަތުރުކުރުން މަނާކޮށް ދަތިރިކުރުމުގެ ފިޔަވަޅު އެޅުމަށް ވަނީ ފާސްކޮށްފައެވެ.

މައްކީ އަކީ ލަސްކަރޭ ތައިބާ، ފަހުން ނަން ބަދަލުކޮށްފައިވާ ޖަމާއަތު އޫދު ދާވާގެ ޑެޕިއުޓީ ލީޑަރެވެ. މި މައްކީ އަކީ އިންޑިއާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެގައުމުން އެކުލަވާލައިފައި ވާ ލިސްޓުގައި ވެސް ހިމެނޭ މީހެކެވެ.

އިންޑިއާގެ ޕްރެޝަރާއެކު އދ އިން އެ ގަރާރު ފާސްކުރި އިރު އިންޑިއާ އިން ބުނެފައި ވަނީ، މައްކީ އަކީ 2000 ވަނަ އަހަރު ދިއްލީގެ ރެޑް ފޯޓަށް ދިން ހަމަލާ އާއި ބޮމްބޭގެ ތާޖުމަހަލް ހޮޓަލަށް ދިން ހަމަލާއާއި ޖަންމޫ އެންޑް ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާގެ ފައުޖުތަކަށް ހަމަލާ ދިނުމުގައި ޝާމިލުވާ މީހެއް ކަމަަށެވެ.

އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި މި މައްކީ އަށް ރައްކާތެރިކަން ދެނީ ޕާކިސްތާނުންނެވެ.