މިމަހު ފަހުކޮޅު އެމްޑީޕީން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި 300 މަރުކަޒެއްގައި ވޯޓު ލާނެ ކަމަށް، އެ ޕާޓީން ބުނެފިއެވެ.

މިއަދު އެމްޑީޕީން ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކާއި އެ މަރުކަޒުތަކުގައި ހުންނަ ފޮށިތަކުގެ އަދަދު އާންމުކޮށްފައެވެ. ޖުމްލަ 300 މަރުކަޒެއްގައި 222 ވޯޓުފޮށި ބަހައްޓާއިރު އޭގެ ތެރޭގައި ހިމެނެނީ:

  • މާލެ: 19 މަރުކަޒެއް، 87 ފޮށި
  • ރަށްރަށުގައި 203 މަރުކަޒެއް، 203 ފޮށި

މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނަށް ވޯޓު ލެވޭ ގޮތަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ވޯޓު ފޮށިތައް ބަހައްޓާފައި ހުންނާނެއެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މި މަހުގެ 28 ގައި، ހެނދުނު 9 އިން ފެށިގެން ހަވީރު 5 ގެ ނިޔަލަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައި ވަނީ މި މަހުގެ 3 ގައެވެ. އެ ލިސްޓުގައިވާ ގޮތުން 57،255 މެންބަރުންނަށް ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ފޯރިގަދަވާނެ ކަމަށް ބެލެވޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މި ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުން ވެސް ފޯރިއާ އެކު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ދެ ބޭފުޅުންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ދަނީ ރައްދުކުރެވެމުންނެވެ.