ފިލްމީ ބަތަލާ ތުނީޝާ ޝަރުމާ މަރުވުމުގެ ކުރިން ޑޭޓިން އެޕެއް ކަމަށްވާ "ޓިންޑާ" އިން ދިމާވި މީހަކާ ވާހަ ކަދައްކާފައިވާ ކަމަށް އޭނާގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ޝިޒާން މުހަންމަދު ހާންގެ ވަކީލު ބުނެފިއެވެ.
ތުނީޝާގެ ފުރާނަނެތް ހަށިގަނޑު ފެނުނީ އޭނާ އާއި ކުރީގެ ލޯބިވެރިޔާ ޝިޒާން އެކުގައި މަސައްކަތްކުރާ ފިލްމު ސެޓުގެ ފާހާނާއެއްގެ ތެރެއިންނެވެ. ތުނީޝާގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން ވަނީ ޝިޒާން އަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާ އާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.
މި ގޮތުން ތުނީޝާގެ އާއިލާއިން ބުނީ ދެ މީހުން ވަކިވުމަށް ފަހުވެސް ޝިޒާންގެ ފަރާތުން އޭނާއަށް އުނދަގޫތަކާ ކުރިމަތިވި ކަމަށެވެ. ތުނީޝާގެ އާއިލާގެ ތުހުމަތުތަކާއެކު ފުލުހުން ވަނީ ޝިޒާން ހައްޔަރު ކޮށްފައެވެ. އަދި މި މައްސަލައިގެ ކޮންމެ އަޑުއެހުމެއްގައި ވެސް އާ ވާހަކަތަކެއް ތިލަވަމުން އަންނައިރު މި މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ފުލުހުން ވަނީ ތުނީޝާގެ އެންޒައިޓީ މައްސަލަ ހުންނަކަމަށް ބުނެފައެވެ.
ޝިޒާން އާ ދެކޮޅަށް ތުނީޝާގެ އާއިލާއިން ހުށަހެޅި މައްސަލަ އާ ގުޅިގެން ޝިޒާން ބަންދުކޮށްފައި ވާއިރު، އޭނާ ބަންދުކޮށްފައި ވަނީ އެއްވެސް ހެއްކެއް ނެތި ގާނޫނުތަކާ ހިލާފަށްކަމަށް ވަކީލު ވަނީ ބުނެފައެވެ. އަދި މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމުގައި ވަކީލު ވަނީ ޝިޒާން އާ ރުޅިވުމަށް ފަހު "ޓިންޑާ"އިން ގާތްގުޅުމެއް އުފެދުނު މީހަކާ އެކު ތުނީޝާ 'ޑޭޓަށް' ދިޔަކަމަށް ބުނެފައެވެ. އަދި ތުނީޝާ މަރުވުމުގެ 15 މިނެޓް ކުރިން އޭނާ ޑޭޓިން އެޕުން ދިމާވި 'އަލީ' އާ ވާހަކަ ދައްކާފައި ވާކަމަށް ވެސް ވަކީލުން ވަނީ ބުނެފައެވެ. މީގެ އިތުރުން ޝިޒާންގެ ވަކީލު ބުނީ ތުނީޝާ އާއި އަލީ އާ ދެމެދު ހާއްސަ ގުޅުމެއް އޮތް ކަމަށެވެ.
ޝިޒާންގެ ވަކީލުގެ ވާހަކަތަކަށް ރައްދުދެމުން ތުނީޝާގެ އާއިލާގެ ވަކީލު ވަނީ އަދިވެސް ފުލުހުންނަށް ތުނީޝާގެ ފޯނު ހުޅުވިފައި ނުވާއިރު 'އަލީ' އާ ބެހޭ މައުލޫމާތު ވަކީލަށް ލިބުނީ ކިހިނެތްތޯ ސުވާލު ކޮށްފައެވެ. އަދި އެ ވާހަކައަކީ ވަކީލަށް ޝިޒާން ކިޔައިިދިން ވާހަކައެއް ނަމަ ޝިޒާން ވަރަށް ބޮޑަށް ދޮގުހަދާ އޮޅުވާލާފައި ވާކަމަށް ތުނީޝާގެ ވަކީލު ވަނީ ބުނެފައެވެ. ތުނީޝާ މަރުވުމުގެ ކުރިން އޭނާ އާއި ޝިޒާން މޭކަޕް ރޫމުން ދިމާނުވާނަމަ، ތުނީޝާގެ މަރުގެ 15 މިނެޓް ކުރިން ހިނގި ކަމެއްގެ މައުލޫމާތު ޝިޒާން އަށް ލިބުނީ ކިހިނެތްތޯވެސް ބަލަންޖެހޭ ކަމަށް ވަކީލު ވަނީ ބުނެފައެވެ.
މި މައްސަލަ އާ ގުޅިގެން ޝިޒާންގެ އާއިލާ އާއި ތުނީޝާގެ އާއިލާ ދެމެދު ބޮޑު ހަމަނުޖެހުންތަކެއް އުފެދިފައި ވާއިރު ޝިޒާންގެ ވަކީލުން ވަނީ އެންމެ ފުރަތަމަ ތުނީޝާ މަރުވީތޯ ނުވަތަ މަރާލީތޯ ޔަގީން ކުރުމަށް އާއިލާއަށް ގޮވާލާފައެވެ.