ޕާކިސްތާނަށް ނިސްބަތްވާ މުސްލިމް ޒުވާން އަންހެން ކުއްޖެއްގެ ރޯލުން ރަޝްމިކާ މަންދަންނާ ފެނިގެންދާ ފިލްމު "މިޝަން މަޖްނޫ" ގެ ރަސްމީ ޓްރެއިލާ އާންމު ކޮށްފިއެވެ.

އިންޑިއާގެ ރޯ އެޖެންޓެއްގެ ރޯލުން ސިދާތު މަލްހަތްރާ ފިރިހެން ލީޑު ރޯލުން ފެނިގެން ދާއިރު ސިދާތު އަކީ މިޝަނެއްގައި ޕާކިސްތާނަށް ގޮސް ހުރި އެޖެންޓެކެވެ. ޑައިރެކްޓަރު ޝާންތަނޫ ބަގްޗީ ގެ މި ފިލްމު މި މަހުގެ 20 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޕާކިސްތާނުގެ ފަސްގަނޑުގައި ހަރަކާތްތެރިވާ އިންޑިއާއަށް ނިސްބަތްވާ އެޖެންޓެއްގެ ރޯލުން ފެނިގެންދާ ސިދާތު ބުނީ މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ އަސްލަށް ބަލައިގެން އުފައްދާފައިވާ ރީތި ފިލްމެއް ކަމަށެވެ. އަދި އަމިއްލަ ގައުމުގެ ތާރީހުގެ މުހިއްމު ވާހަކައެއް އެކްޓިންގެ ޒަރިއްޔާ އިން ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ލިބުމަކީ ލިބުނު ޝަރަފެއް ކަމަށާއި އޭނާގެ ކެރިއަރަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ފިލްމަކީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނުގެ ވަރުގަދަ ކުރިމަތިލުމަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. "މިޝަން މަޖްނޫ" އަކީ ސިދާތު އާއި ރަޝްމިކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމުވެސްމެއެވެ.

އެކްޓަރު ސިދާތު އެންމެ ފަހުން ފެނިގެންދިޔައީ އަޖޭ ދޭވްގަން އާއި ރާކުލް ޕްރީތު އާއެކު ފިލްމު "ތޭންކް ގޯޑް" އިންނެވެ. ބަތަލާ ރަޝްމިކާ ވަރަށްފަހުން ބޮލީވުޑަށް ތަޢާރަފްވި ބަތަލާ އެކެވެ. އޭނާ އަކީ ސައުތް ސިނަމާގެ އެންމެ މަޤުބޫލު ބަތަލާއިންގެ ލިސްޓުގެ ކުރީގައި ހިމެނޭ ހުނަރުވެރި ތަރިއެކެވެ.