ފޯކާއި ސުޕާރީ ފަދަ ތަކެތީގެ ބަދަލުގައި އެއްޗެއް ބޭނުން ކުރާނަމަ ފޮނިތޮށި ކާފޫރުތޮޅި ފަދަ ތަކެތި ބޭނުން ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސް ކޮށްފިއެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ހަރުލާފައިވާ ދުފުމުގެ އާދައިގެ ސަބަބުން އަނގައިގެ ގިނަ ބަލިތަކާ ކުރިމަތިލާން ޖެހިފައި ވާއިރު އެކަމުން ދުރުހެލިވުމަށް އެޗްޕީއޭއިން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

އެޗްޕީއޭއިން ބުނީ ފޯކާއި ސުޕާރިއާއި ބިލެތް އަދި ހުނި ފަދަ ތަކެއްޗަކީ އަނގައިގެ އަދި ކަރުތެރޭގެ ކެންސަރަށް މަގުފަހިވާ ތަކެތި ކަމަށެވެ. އެހެން ކަމުން ކެންސަރުން ރައްކާތެރިވުމަށްޓަކައި އެ ތަކެތިން ދުރުހެލިވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

2022 ވަނަ އަހަރު އެޗްޕީއޭއިން ކުރި ސްޓެޕް ސާވޭއިން ދައްކާފައިވާ ގޮތުގައި ކޮންމެ 5 މީހަކުން 4 މީހުންނަކީ ދުފުމުގައި ފޯއް ނުވަތަ ސުޕާރީ ބޭނުން ކުރާ މީހަކަށް ވާއިރު އޭގެތެރެއިން 56.2 ޕަސެންޓް މީހުންނަކީ ކޮންމެ ދުވަހަކު ދުފުމުގައި ފޯއް ނުވަތަ ސުޕާރީ ބޭނުން ކުރާ މީހުންނެވެ.

އެޗްޕީއޭއިން ވަނީ ދުފުމުގައި ފޯކާއި ސުޕާރީއާއި ބިލެތް އަދި ހުނި ފަދަ ތަކެތީގެ ބަދަލުގައި ފޮނިތޮއްޓާއި ދިރިއާއި ކާފޫރުތޮޅި އަދި ކަރަންފޫ ފަދަ ތަކެތި ބޭނުންކުރެވިދާނެ ކަމަށް ބުނެފައެވެ.