މިދިޔަ އަހަރު 25 އޮޕަރޭޝަނެއް ހިންގައި، ހަށި ވިއްކުމާއި ހިއުމަން ޓްރެފިކިންގެ މައްސަލައިގައި 32 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ އަހަރު ހިންގި 25 އޮޕަރޭޝަންގެ ތެރެއިން 11 އޮޕަރޭޝަނެއް ހިންގީ ފުލުހުންނާއި އިމިގްރޭޝަނާ ގުޅިގެންނެވެ. ބާކީ 14 އޮޕަރޭޝަނެއް ހިންގީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަށް ބިނާކޮށެވެ.

އެ 25 އޮޕަރޭޝަންތަކުން 32 މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • ހަ ދިވެހިން
  • 28 ބިދޭސީން

މިދިޔަ އަހަރުގެ ކުރީ އަހަރުތަކުގައި ހައްޔަރުކުރި ބިދޭސީން ހިމެނޭހެން 28 މީހަކު އެ މީހުންގެ ގައުމުތަކަށް ޑީޕޯޓްކޮށްލާފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ހަށިވިއްކުމާއި ހިއުމަން ޓްރެފިކިންގެ 11 މައްސަލައެއް ވަނީ ތަހްގީގުކޮށްފައެވެ. އޭގެ ތެރެއިން ތިން މައްސަލައެއް ފައިލްކޮށްފައިވާއިރު، ދެ މައްސަލަ އެއް ތަހްގީގުކޮށް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފައެވެ. މިހާރު ވެސް ހަ މައްސަލަ އެއް ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ.

ރާއްޖޭގައި ހަށި ވިއްކުމުގެ މައްސަލަތައް އިތުރުވެ، އެފަދަ އަމަލުތައް ހިންގާ ތަންތަން އިތުރުވެފައިވާއިރު، އެ މައްސަލައާ މެދު އެދެވޭ ފިޔަވަޅެއް އެޅިފައި ނުވާތީ އާންމުންގެ ގިނަ ބަޔަކު ވަނީ ހޯމް މިނިސްޓްރަރު އިމްރާން އަބްދުﷲ ގެ އިތުރުން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.