ބޮލީވުޑްގެ އަހަރުގެ ފުރަތަމަ ބޮޑު ކައިވެނި އަންނަ މަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސިދާތު މަލްހަތްރާ އާއި ކިއާރާ އަދުވާނީ ގެ ކައިވެނި އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. ރާޖަސްތާނުގައި މިިދެތަރިން ކައިވެނި ކުރުމުގެ ކުރިން ބާއްވާ ރަސްމިއްޔާތުތައް އަންނަ މަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހު އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕްރައިވެޓް ކޮށް ބާއްވާ މި ހަފްލާގައި ސެކިއުރިޓީ ވެސް ވަރުގަދަ ވާނެ ކަމަށާއި ކައިވެނި ހަފްލާ އަށް ދާނީ ދެ ފަރާތުގެ އާއިލާއިންނާއި އެންމެ ގާތް އެކުވެރިންނެވެ.

ބަތަލާ ކިއާރާ އާއި ސިދާތު އެންމެ ފުރަތަމަ ބައްދަލުވީ "ޝޭރްޝާހް" ގެ ސެޓުންނެވެ. 2021 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ޝޭރްޝާހް"ގެ ސެޓުން ދެތަރިން ގުޅުނުއިރު ދެމީހުންގެ ކެމިސްޓްރީ ވަރަށް މެޗުވާ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ. ފިލްމުގެ ޝޫޓިންގެ ދުވަސްވަރު ދެތަރިން އެއްކޮށް އެކި ތަންތަނުން ބައްދަލު ކުރާތަން ޕަޕަރާޒީންގެ ކެމެރާ އަށް އެރި ނަމަވެސް ރަށްޓެހިވެގެން އުޅޭ ކަން ދެމީހުންކުރެ އެކަކުވެސް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ސިއްރިއްޔާތުގައި އަހަރެއްހާ ދުވަސް ވަންދެން އެކުގައި އުޅުމަށް ފަހު ސިދާތު ވަނީ އޭނާގެ އާއިލާ މެންބަރުންނާއި ކިއާރާ ބައްދަލުވެސް ކުރުވާފައެވެ.