މަސައްކަތުގެ މާހައުލުން ނުވަތަ ތިމާ އުޅޭ އޮފީހުން ވެސް މީހުންނަށް ހިތް ކިޔުމަކީ ރާއްޖޭގައި ވެސް ވަރަށް އާންމު ކަމެކެވެ. މީގެ ތެރޭގައި ދެޖިންސުގެ މީހުން ވެސް ހިމެނޭ އިރު ކައިވެނި ކޮށްގެން އުޅޭ މީހުން ވެސް މި ކުޅިވަރު ކުޅޭލެއް ވަކި މަދެކޭ ބުނެވޭކަށް ނެތެވެ. މިހެން ވުމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ޖެހި ވަރިފަށަށް އަރާފައިވެސް އެބަހުއްޓެވެ. އަދި އެތައް ބަޔަކު ތިމާގެ އަނބިމީހާ ވަރިކޮށްފައި އޮފީސް ލޯބިވެރިޔާ އާ ކައިވެނި ކޮށްފައިވެސް އެބަހުއްޓެވެ. އަނބިންވެސް ހަމަ މިފަދައެވެ.

އިނގިރޭސި ނޫހެއް ކަމުގައިވާ މިރާގެ ކިޔުންތެރިއަކު އެނޫހުގެ ރިލޭޝަންޝިޕް އަދި ލައިފް އެޑްވައިޒަރު ކޮލީން އަށް ފޮނުވި ލިޔުމެއްގައި، އޭނާގެ ފިރިމީހާ އޮފީހުގައި ބޭއްވި ޕާޓީއެއްގެ ތެރެއިން ވާހަކަ ދެއްކި އޮފީހުގެ އަންހެން މުވައްޒަފަކު ވަނީ ފިރިމީހާ އަށް އީމެއިލް ކޮށް އޭނާ އަށް ވަރަށް ކަމުދާ ކަމަށް ބުނެފައި ކަމަށް ބުނެއެވެ. އަދި އޭގެ ފަހުން ވެސް އަންނަނީ އީމެއިލް ކޮށް ތަފާތު ވާހަކަ ދައްކަމުން ކަމަށާއި ފިރިމީހާ ކައިރީގައި ކެއުމަކަށް ބޭރަށް ދާން އެދިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި އެ އަންހެން މީހާ އަށް، އޭނާގެ ފިރިމީހާ މީހާކާ އިންދެގެން އުޅޭ ކަމާއި ދަރިން ވެސް ތިބޭ ކަން އެނގިހުރެ އެގޮތަށް ކަންތައް ކުރުމުން ވަރަށް ބޮޑަށް ރުޅިއައިސްފައި ވާ ކަމަށް ވެސް ލިޔެފައި ވެއެވެ. ފިރިމީހާ ބުނާ ގޮތުން އެރޭ ޕާޓީގައި އޭނާ އާއި އެއަންހެން މީހާއާ ދެމީހުންގެ ދޭތެރޭގައި ދެކެވުނީ ހަމަ މަސައްކަތުގެ ވާހަކަ ކަމަށާއި އެތަނުގައި އޮފީހުގެ އެހެން މުވައްޒަފުން ވެސް ތިބިކަމަށެވެ. އެހެން ކަމުން މިކަމުގައި ހަދަންވީ ކިހިނެއްތޯ އެ އަންހެން މީހާ ކޮލީންއާ ސުވާލު ކޮށްފައި ވެއެވެ. އަދި ފިރިމީހާ އަކީ މިކަހަލަ ކަންކަމުގައި އެހާ ބޮޑަށް ފަރުވާތެރިކަން ހުންނަ މީހެއް ނޫން ކަމަށާއި އެކަމާ އޭނާ ވަރަށް ކަންބޮޑުވާ ކަމަށް ވެސް ބުނެއެވެ.

ޖަވާބުގައި ކޮލީން ބުނެފައި ވަނީ އެންމެ ރަނގަޅު ވާނީ ފިރިމީހާ އަމިއްލަ އަށް އޭނާ ބޭނުން ނުވާކަން އަންހެން މީހާ ކައިރީ ބުނުން ކަމަށެވެ. އަދި އޭގެ ފަހުން އަންހެން މީހާ އިތުރަށް އެކަމާ ވާހަކަ ދައްކަން އުޅެފި ނަމަ ނުވަތަ ގޮތްދޫނުކޮށްފި ނަމަ އޭނާ އަށް ރައްދު ދޭން ކިޔުންތެރިޔާ ކައިރިން އެދިފައި ވެއެވެ.

ދެމީހަކު އޮފީހުގައި ވާހަކަ ދައްކަނީ

މިފަދަ ކިތަންމެ ހާދިސާއެއް އޮފީސް މާހައުލުގައި ހިނގައެވެ. އޮފީހުގައި ބާއްވާ އެކި ޕާޓީތަކާއި ސީކްރެޓް ފްރެންޑް ކުޅުމުގެ ތެރެއިންނާއި، ހެދުން އަލާ ގޮތުންނާއި، ވާހަކަ ދައްކާ އުޅޭ ގޮތުގެ އިތުރުން، ބައްޓަމާއި ބުރުސޫރައިން އެކަކު އަނެކަކަށް ހިތް ކިޔައި ގުޅުމެއް އުފެދެއެވެ. ނުވަތަ އޮފީސް ލޯބި އުފެދެއެވެ.

ހަގީގީ ލޯބިވެރިޔާ ފެންނަނީ މީހުންނާ އިނދެ ދަރިން ލިބޭ ހިސާބުންނޭ މީހުން މަޖަލަކަށް ކިޔާ އުޅެއެވެ. ނަމަވެސް އޭގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވޭ ހެން މިހާރުގެ މީހުންގެ އުޅުން ހުންނަ ގޮތުން ވަރަށް ހީވެއެވެ. އިންނަނީ ނުލާހިކު ލޯބިންނެވެ. ނަމަވެސް ދުވަސް ކޮޅެއް ނުވެ ލޯބި ފޫއްސަށް ބަދަލުވަނީ ތޯއްޗެކެވެ. ކައިވެނި ކޮށްފައި ދަރިން ލިބޭ ހިސާބުން އެހެން މީހުންނާ ހިތާވެ ދެމަފިރިން ވަރިވެ އެހެން މީހުންނާ އިންނަ މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ.

ރާއްޖޭގައި އޮފީސް ލޯތްބަކީ އާންމު ކަމެކެވެ. އެކަކު އަނެކަކު ފެނި ދެނިވެ، އޮފީސް ކޮލީގުންނާ އެކު ކޮފީތަކަށް، ލަންޗް އަދި ޑިނާތަކަށް ދިޔުމުން ފެށިގެން އޮފީސް ވައިބާ ނުވަތަ އެނޫންވެސް ގްރޫޕް ޕްލެޓްފޯމްތަކުގައި ފްލާޓް ކުރުމާއި ވަކިން ޕްރައިވެޓް މެސެޖް ކޮށް އެކިއެކި އިޝާރާތް ކުރުމުގެ އިތުރުން ހުޝާމަދު ކުރުންފަދަ ކިތަންމެ ކަމެއް ހިނގައެވެ. ބައެއް ފަހަރު އޮފީސް ލޯބި ކާމިޔާބު ވި ނަމަވެސް ގިނަ ހާލަތްތަކުގައި އެކަން ވަނީ ފްލޮޕަކަށެވެ. އަނބިމީހާ އަށް ނުވަތަ ފިރިމީހާއަށް ނުވަތް ލޯބިވެރިޔާ އަށް ފަޅާ އަރާ، އެކަކު އަނެކަކު ސުލްހަ ކުރަން ކުރަން ޖެހޭ ހަނގުރާމަވެސް ބޮޑުވާ ކިތަންމެ ހާދިސާއެއް ހިނގާފައި އެބަހުއްޓެވެ. މީގެ އިތުރުން ލޯބިވެރިޔާ ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާއަށް ކަންކަން ފަޅާ އަރާ، އޮފީސް ކޮލީގަށް ޖިސްމާނީ އަނިޔާވެސް ލިބިފައި ހުރި ކިތަންމެ ހާދިސާއެއް ހިނގަމުން ދެއެވެ.

މަސައްކަތުގެ މާހައުލުގެ ލޯބި ތަމްސީލު ކޮށްދިނުމަށް ބޭނުން ކޮށްފައިވާ ފޮޓޯއެއް

ދުނިޔެއާ އެކު ރާއްޖޭގައި ވެސް ބަދަލުވަމުން އަންނަ ޓްރެންޑްގައި މިހާރު އޮފީސް ލޯތްބަކީވެސް "ފުރައްސާރަ" ކެޓަގަރީއަށް ފެތިފައިވާ ކަމެކެވެ. އިނގިރޭސީން އޮންނަ ހެރޭސްމަންޓް ދިވެއްސަށް ގެނެސް އެ ބަސް ބޭނުން ކުރަން ފެށުމުން، ބަލާލާ ގޮތުން، އަނގައިން ބުނެވޭގޮތުން، ވާހަކަ ދައްކާ އަޑު ބާރުވެގެން، ނުވަތަ މަޑުވެގެން ވެސް އެ ހިމަނަނީ ފުރައްސާރައިގެ ތެރޭގައެވެ. ޖިންސީ ފުރައްސާރަ އާއި، ޖިންސީ ގޯނާ އާއި، ޖިންސީ ހާނީއްކަ އާއި، ޖިންސީ ނިޔަތެއް އޮތުމާއި، މަލާމާތް ކުރުމާއި، ބުލީ ކުރުން ނުވަތަ ގަނާ ކުރުން ފަދަ ކަންކަންވެސް ގިނަ ދިވެހިން ލަނީ އެއް ގޮޅިއަކަށެވެ. މިހާރުގެ ޒުވާން ޖީލު ގަބޫލު ކުރާ ގޮތުން އަންހެން ކުއްޖަކާ ދިމާއަށް ވެސް އަދި ފިހެން ކުއްޖަކާ ދިމާއަށްވެސް "ބިއުޓިފުލް" އޭ ބުނެގެން ނުވާނެއެވެ. ބުނަންޏާ ބުނަން ވާނީ "ގޯޖަސް" އެވެ.

އޮފީސް ލޯބި ކޮންމެ ސިފައެއްގައި ކުރިއަސް މަސައްކަތުގެ މާހައުލުގެ ޕްރޮފެޝަނަލް ކަމަށް އަސަރު ކުރާ ކަމެއް ކަމުގައި ވާ ނަމަ އެކަން ހުއްޓާލާށެވެ. ކޮންމެ ފިރިއަކާއި ކޮންމެ އަންބަކީ އޮފީސް ލޯބި ހިންގާ ބަޔަކަށް ނުވާ އިރު ކުރިން ބުނި މިސާލުގައި ފިރިމީހާ އެކަން ކުރަން ބޭނުންނަމަ އަނބިމީހާގެ ގާތުގައި އެވާހަކަ ނުދައްކާ އެކަންތައް ސިއްރުކުރީހެވެ. ނަމަވެސް އެންމެން އެއް ގޮތެއް ނުވާނެއެވެ. ވަފާތެރި ތެދުވެރި ފިރިންނާއި އަނބިންވެސް އުޅެއެވެ. ތިމާ ގަޔާވާ ސިފައެއް ހުންނަ ކޮންމެ މީހަކީ ތިމާއަށް ލިބޭނޭ މީހެއް ކަމަށް ދެކިގެން ނުވާނެއެވެ. ނުވަތަ ލިބެން އެދިގެންވެސް ނުވާނެއެވެ. ކައިވެނި ކޮށްގެން އުޅޭ މީހެއް ނަމަ ކައިވެނީގެ އެގުޅުމަށް އިހުތިރާމު ކުރަން ދަސްކޮށްގެން ނޫނީ ކުރިއަށް ގެންދަން އުނދަގޫ ވާނެއެވެ.