އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައި ވާ މީހުންގެ ނަން ލިސްޓް އާންމު ކޮށްފިއެވެ.
އެމްޑީޕީއިން ބުނީ މި އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާމެދު ޝަކުވާ ހުށައަޅަން ބޭނުން ވާ ފަރާތްތަކަށް މި ފެށޭ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 4 ޖެހުމާ ހަމައަށް އެ ފުރުސަތު ހުޅުވާލައިފާ ވާ ކަމަށެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވާދަކުރައްވައެވެ. ނަޝީދަށް ލިބިވަޑައިގެންފައި ވަނީ ކެންޑިޑޭޓް ނަންބަރު 1 އެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ ކެނޑިޑޭޓް ނަންބަރު 2 އެވެ.
ނިޒާމުގެ ބަހުސްއާއެކު އެމްޑީޕީގެ ތެރޭގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފްކްޝަނެއް އުފެދިފައެވެ. ދެ ރައީސުންގެ ތެރެއިން ނަޝީދު، ފާޅުގައި ސަރުކާރާއި ސޯލިހަށް ބަހުގެ ހަމަލާތައް ދެމުން ގެންދަވާ އިރު ރިޔާސީ ޕްރައިމަރީގައި ދެ ރައީސުން ވާދަކުރައްވަން ނިންމެވި ހިސާބުން ފެކްޝަން ދަނީ އިތުރަށް ވަކިވެ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަލާތައް ދެމުންނެވެ.
މި ފެށޭ ޖެނުއަރީ މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު ދެ ފެކްޝަން އަންނަނީ ފުޅާ ކެމްޕެއިނަށް ތައްޔާރު ވަމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ކެމްޕެއިން ބޮޑު ތިލަދުންމަތިން ފެށުމަށް ވަނީ ނިންމާފައެވެ.