ދުނިޔޭގެ މަޝްހޫރު ޕޫމާ ބްރޭންޑުން ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާގެ ފޮޓޯތަކެއް ބޭނުންކުރުމުން އޭނާ ނުރުހުން ފާޅުކޮށްފިއެވެ.
ޕޫމާ ބްރޭންޑުގެ ހެދުން ލައިގެން އަނުޝްކާ ވަނީ އޭނާގެ އަމިއްލަ އިންސްޓަގްރާމަށް އެ ފޮޓޯތައް ޕޯސްޓް ކޮށްފައެވެ. އެއާއެކު ޕޫމާ އިން ވަނީ އެ ބްރޭންޑު އިޝްތިހާރު ކުރުމަށް އޭނާގެ ހުއްދަ ނެތި އިންސްޓަގްރާމުން އެ ފޮޓޯތައް ނެގުމަށް ފަހު ބޭނުން ކޮށްފައެވެ. އެކަމާ ގުޅިގެން އަނުޝްކާ ބުނީ ދުނިޔޭގެ އެންމެން ދަންނަ މަގްބޫލު ބްރޭންޑެއް މިފަދަ ކަމެއް ކުރަން ލަދުގަންނަން ޖެހޭނެ ކަމަށާއި އެ ފޮޓޯތައް ބޭނުން ކުރުމުގެ ކުރިން އޭނާގެ ހުއްދައަށް އެދެން ޖެހޭނެ ކަމަށެވެ. ޕޫމާ އިން އެ ކުރީ ގަބޫލު ކުރެވޭފަދަ ކަމެއް ނޫންކަމަށާއި މި ފޮޓޯތައް އެ މީހުން ނަގަން ޖެހޭނެ ކަމަށެވެ.
އެއާއެކު ޕޫމާ އިން އަނުޝްކާ އަށް ރައްދުދެމުން ބުނީ ދެވަނަ ހަރުފަތަކަށް ދާން އެމީހުން ތައްޔާރަށް ތިބި ކަމަށާއި އަނުޝްކާ އެކަމަށް ތައްޔާރު ނަމަ އެކަން ކުރަންވީ ކަމަށެވެ. އެބުނާ ހަރުފަތަކީ އެމްބެސަޑަރު ކަމެވެ. އަނުޝްކާގެ ފިރިމީހާ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އަކީ ޕޫމާގެ އެމްބަސަޑަރެކެވެ. އެއާއެކު އާންމުންގެ ގިނަ ބަޔަކު އެއާމެދު ކޮމެންޓްކޮށް އަނުޝްކާ އަށާއި ޕޫމާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެމީހުން ބުނީ ޕޫމާ ބްރޭންޑްގެ ކްލޯތިން ވިއްކަން ވެގެން ޖެއްސީ މޮޅު ސްޓަންޓެއް ކަމަށާއި އެކަން ދެފަރާތަށް ވެސް ރަނގަޅަށް ހާސިލްވެއްޖެ ކަމަށެވެ. އަދި ދުވަސްކޮޅަކުން ޕޫމާ އިން އަނުޝްކާ އެ ކުންފުނީގެ އެމްބެސަޑަރަކަށް ހަދާނެ ކަމަށެވެ.
ބަތަލާ އެންމެ ފަހުން ފެނިގެން ދިޔައީ އެކްޓަރު ޝާހްރުކްހާން އާއެކު ކުޅުނު ފިލްމު "ޒީރޯ" އިންނެވެ. އެ ފިލްމު އާންމުންނާ ހަމައަށް އައީ 2018 ވަނަ އަހަރުގައެވެ. ފިލްމީ މަސައްކަތުގައި އެހާ ބޮޑަށް ހަރަކާތްތެރި ނުވެ އަނުޝްކާ މިހާރު އެންމެ އިސްކަމެއްދެނީ އޭނާގެ ކުޑަ ދަރިފުޅަށެވެ.