ޕާޓީގެ ދަފްތަރު އޮތީ ސައްހަކޮށް ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއިން ބުނެފިއެވެ.
އެމްޑީޕީއިން އެފަދައިން ބުނީ މިއަދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި އެމްޑީޕީގެ ވޯޓުލާ ދަފްތަރުން ސާޅީސްހާހާ ގާތަށް މެމްބަރުން ތިބިއިރު އެ މެންބަރުންނަށް އެނގުމަކާނުލައި ކުއްލިއަކަށް އުނިކުރުމުން ދަފްތަރު ވަނީ ގަޑުބަޑުވެފައި ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އަދި އެކަން އެހެން އޮއްވައި ޕްރައިމަރީ ކުރިއަށް ގެންދެވުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނޭ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެމްޑީޕީއިން ބުނީ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި އިންތިޒާމުވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާއެކު އެ ޕާޓީގެ އަސާސްތަކަށް ތާއީދުކުރާ ކޮންމެ ދިވެހި ރައްޔިތަކު ޕާޓީގެ މެމްބަރަކަށްވުމަކީ އަބަދުވެސް މަރުހަބާ ކިޔާނެ ކަމެއް ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަކީ އެ ޕާޓީން އިސްކަންދޭ ކަމެއް ކަމަށެވެ.
އެމްޑީޕީއަކީ އަބަދުވެސް އެ ޕާޓީގެ އެތެރޭގެ އިންތިހާބުތައް އާންމު މެމްބަރުންގެ ނުހަނު ބޮޑު ބައިވެރިވުމާއެކު ކުރިއަށްގެންދާ ޕާޓީއެއް ކަން ފާހަގަކޮށް އެ އިންތިހާބުތަކުގައި ވޯޓުގެ ހައްގު ލިބެން ޖެހޭނީ ހަމައެކަނި އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ކަމަށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށް އެމްޑީޕީއިން ފާހަގަކުރެއެވެ.
ނިމިދިޔަ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިންގައި ޕާޓީގެ ދަފްތަރު ސައްހަކުރަންޖެހޭކަމަށް ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ އެ ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާއިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފައި ކަމަށް އެމްޑީޕީއިން ބުނެއެވެ.
އެމްޑީޕީއިން އިތުރަށް ބުނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު ސައްހަކޮށް ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ ހިތާމަކުރައްވާ ކަމަށެވެ.