1988 ގައި ނެރުނު ކާމިޔާބު ސީރީޒް "ދަ ނިއު އެޑްވެންޗާޒް: ވިނީ ދަ ޕޫ" ގެ ފިލްމެއް ހަދަން ނިންމައިފިއެވެ.

ޑްރީމްވޯކްސް އިން ޕްރީކުއެލް ފީޗާ ފިލްމެއްގެ ގޮތުގައި ހަދާ މި ފިލްމު ޑައިރެކްޓްކުރާނީ މައިކް ޑި ސެވެ އެވެ. ޖޯން ރެނޯލްޑްސް ފިލްމުގެ ވާހަކަ ލިޔާއިރު މި ފިލްމުގައި ފެނިގެންދާނީ "ޕޫ" އާއި އޭނާގެ އެކުވެރިންގެ ކުޑައިރުގެ ވާހަކައެވެ. އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ހެއްވާ މަޖާ ކުޑަކުދިން ޝައުގުވެރިކޮށް ބަލައި ނިންމާލާނެ ފަދަ ގޮތަކަށް ތައްޔާރުކޮށްގެން ގެނެސްދޭނެ ފިލްމެކެވެ.

ފިލްމާ ގުޅޭގޮތުން ފިލްމުގެ ލިޔުންތރިޔާ ޖޯން ބުނީ މި ފިލްމު ގެންނަން ނިންމީ ކުޑަކުދިން އެކި އެކި ކަންތައްތަކަށް ޝައުގުވެރިކުރުވަން ކަމަށާއި އެއްޗެހި ބަލައިގެން ދަސްވާ ކުދިންނަށް މި ފިލްމު މުހިއްމުވާނެ ކަމަށެވެ. މި ފިލްމުން ކުދިންނަށް ރަނގަޅު އިބްރަތެއް ވެސް ލިބިގެންދާނެ ކަމަށް ޖޯން ވަނީ ބުނެފައެވެ.

ޑްރީމްވޯކްސް އިން އަންނަނީ ގިނަ ކާޓޫންތަކެއްގެ މައްޗަށް ފިލްމު އުފައްދަމުންނެވެ. "ޕެޑިންޓަން ބެއާ" އަދި "ޕީޓާ ރެބިޓް" އަށް ލިބުނު ކާމިޔާބީ އަށް ބެލުމަށްފަހު "ވިނީ ދަ ޕޫ" އުފައްދާއިރު މި ފިލްމުވެގެންދާނީ ލޯ ބަޖެޓަކުން އުފައްދާ ފިލްމަކަށެވެ. މި ފިލްމުގެ ކުރިން "ވިނީ ދަ ޕޫ: ބްލަޑް އެންޑް ހަނީ" ރިލީޒްކުރާނެއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.