ޓެރަރިޒަމްގެ މައި ހާއްޔަކީ ޕާކިސްތާން ކަމަށް އިންޑިއާއިން ބުނުމުން މޯދީ އަކީ ގުޖުރާތުގެ ގާތިލުކަމަށް ޕާކިސްތާނުން ބުނެ އދ ގައި އެ ދެގައުމުގެ ފޮރިން މިނިސްޓަރުން ބަހުގެ ހަމަލާތަކެއް ބަދަލު ކުރައްވައިފިއެވެ.

އިތުރުވަމުން ދާ ޓެރަރިޒަމްގެ ނުރައްކާތަކާ ގުޅޭ ގޮތުން ތައްޔާރު ކުރި ބަޔާނެއް އދ ސެކިއުރިޓީ ކައުންސިލުން ބަލައިގަތުމަށް ބޭއްވި ބައްދަލުވުމުގައި، ޓެރަރިޒަމްގެ މައި ހާއްޔަކީ ޕާކިސްތާން ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަމް ޖަޔާޝަންކަރު ވިދާޅުވެއެވެ. އެއާއެކު ރައްދު ދެއްވައި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރްދާރީ ވިދާޅުވީ، މިހާރު އިންޑިއާގެ ބޮޑުވަޒީރަކަށް ހުންނެވި ނަރެންދަރަ މޯދީ އަކީ އިންޑިއާގެ ގުޖުރާތުގެ ގަތުލުއާންމުގެ މޭސްތިރިޔާ ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ނިއުކްލިއާ ބާރު ލިބިފައި ވާ ދެގައުމަށް ވާއިރު، ޕާކިސްތާން މިނިވަން ވީއްސުރެ އިންޑިއާ އާ ދެމެދު އޮންނަ އަރާރުން ނުނިމެއެވެ. އެކި ދުވަސްވަރު އެކި ވެރިކަމުގައި އެކި މިންވަރަށް ދެފަރާތުން ބަހުގެ ހަމަލާ ބަދަލު ކުރުމުގެ އިތުރުން ކުދި ކުދި ހަނގުރާމަވެސް ކުރެއެވެ. ބޯޑަރު ސަރަހައްދުގައި ދެފަރާތުން ހަމަލާ ބަދަލު ކުރުމުގެ ތެރޭގައި ދެފަރާތުން މީހުން މަރުވެފައި ވެސް ވެއެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން އެންމެ ބޮޑު ވަނީ، 1947 ގައި ބައި ކޮށްލި ކަޝްމީރުގެ އިމުގެ މައްސަލައިގައެވެ. އެއްބަޔަކަށް ލިބޭ ބައި ކުޑަވެ، ނުވަތަ އެއްބައެއްގެ އިމުގެ ތެރެއަށް އަނެއް ބަޔަކު ވަންނަ މައްސަލައިގައި އަބަދާ އަބަދު އަރާރުންވެސް ހަމަލާ ބަދަލު ކުރާ އިރު، މިއީ ދެގައުމުގެ އެފެންވަރުގެ އިސްވެރިންގެ ދެމެދުގައި މި މޭރުމުން އދ ގައި ކުރިމަތި ލި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީން ތުހުމަތު ކުރާ ގޮތުގައި އިންޑިއާގެ އިމަށް ނުވަތަ އިންޑިއާ އަށް ހަމަލާ ދޭ ޓެރަރިސްޓުންނަށް ރައްކާތެރިކަން ދެނީ ޕާކިސްތާނުންނެވެ. އެއް ހާދިސާއަކަށް އިންޑިއާއިން ފާހަގަ ކުރަނީ 2008 ވަނަ އަހަރު މުމްބާއީގައި ހުންނަ އައިކޮނިކް ހޮޓާ، ތާޖްމަހަލް ޕެލަސް ހޮޓަލަށް ހަމަލާ ދީ 175 މީހަކު މަރާލި ޓެރަރިސްޓް ހަމަލާއެވެ. މި ހަމަލާ އަކީ ޕާކިސްތާނުގައި ގާއިމު ވެ ތިބޭ ލަޝްކްރޭ އޮތިބާގެ ހަމަލާއެއްކަން އޭރުގެ ތަހުގީގުތަކުން ވަނީ ސާބިތުވެފައެވެ.

އދ ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖައިޝަންކަރު ޕާކިސްތާނަށް ވިދާޅުވީ، "ތިޔަ ހުތުރު ކަން ސާފުކޮށް ރަނގަޅު އަވައްޓެރިއަކަށް ވާން އެދިވަޑައިގަންނަވާ" ކަމަށެވެ. މި މޭރުމުން މީގެ ކުރިންވެސް ޖަޔާޝަންކަރު ވާހަކަ ދައްކަވާފައި ވެއެވެ. އޭރު ޕާކިސްތާންގެ ނަން ބޭނުން ނުކުރައްވާ އޭނާ ވިދާޅުވެފައި ވަނީ، ޓެރަރިޒަމާ މެދު ދުނިޔެ ސަމާލު ވުމުގެ މާކުރިން، ބޯޑަރު ހުރަސްކޮށް އިންޑިއާ އަށް ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިވާ ކަމަށާއި އެފަދަ ކޮންމެ ހާލަތެއްގައި ހިކުމަތްތެރި ކަމާއެކު ވަރުގަދައަށް ރައްދު ދީފައި ވާނެ ކަމަށެވެ.

ޖަޔާ ޝަންކަރުގެ ކޮމެންޓަށް ރައްދު ދެއްވުމަށް ޒަރުދާރީ ކުރެން ނޫސްވެރިން އެދުމުން އޭނާ ވިދާޅުވީ، ޕާކިސްތާނުގައި ތިބި މުސްލިމުން ކަމަށް ވިޔަސް އިންޑިއާގައި ތިބި މުސްލިމުން ކަމަށް ވިޔަސް އިންޑިއާއިން އަބަދުވެސް "މުސްލިމުންނާއި ޓެރަރިސްޓުން" މައްސުނި ކުރާ ކަމަށާއި އިންޑިއާއަށް އެނގެން ވީ "އުސާމާ ބިން ލާދިން މަރުވި ނަމަވެސް ގުޖުރާތުގެ ބުޗާ (މީހުން މަރާ މީހާ) ދިރި އެބަހުރި ކަމަށާއި އެއީ އިންޑިއާގެ ބޮޑުވަޒީރު" ކަމަށެވެ.

އޭނާ އެ އިޝާރާތް ކުރައްވަނީ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް މޯދީ ހުންނެވި އިރު 2002 ވަނަ އަހަރު ހިންގި ގަތުލުއާންމެއްގައި 2000 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއަށެވެ. އެ ގަތުލުއާންމުގައި މަރުވި ގިނަ މީހުންނަކީ މުސްލިމުންނެވެ. އެ ގަތުލުއާންމާ ގުޅިގެން އޭރު މޯދީ އަށް އެމެރިކާއަށް އެރުންވެސް މަނާ ކުރިއެވެ. ނަމަވެސް 2014 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް ވަޑައިގަތުމާ ހަމައަށްވެސް އަދި މިހާރުވެސް އެ ގަތުލުއާންމާ އޭނާއާ ގުޅުމެއް ނެތްކަމަށް މޯދީ ވިދާޅުވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޓެރަރިސްޓުންގެ ހަމަލާތަކުގައި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު މާ ގިނަ ކަމަށާއި ހުދު އޭނާއަކީ މަންމާފުޅު ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ 2007 ވަނަ އަހަރު އަހަވަރާ ކޮށްލި ހާދިސާގައި ހަމަލާ އަމާޒުވި ބޭފުޅެއް ކަމަށެވެ.

"ޓެރަރިޒަމާއި މުސްލިމުން ގުޅުވާ ކުރާ ތަރުޖަމާ ނުވަތަ ނެރޭޓިވް (ވިސްނުން) ބަދަލު ކުރަން ވެއްޖެ، ސެޕްޓެމްބަރު 11 އަށް ފަހު ޓެރަރިޒަމް އަކީ ދީނެއް، ބައުންޑްރީއެއް އޮތް އެއްޗެއް ނޫންކަން އެބަ އެނގޭ"
ޒަރުދާރީ ބުއްޓޫ

އޭނާ އިތުރަށް ވިދާޅުވީ، "މުސްލިމެއްގެ ގޮތުގައި، އަދި ޕާކިސްތާންގެ ރައްޔިތެއްގެ ގޮތުގައި، އަދި ޓެރަރިސްޓުންގެ ހަމަލާ އަމާޒުވި މީހެއްގެ ގޮތުގައި، އަހަރެމެން ކީއްވެ ބޭނުން ވާންނީ އަހަރެމެންގެ މީހުންނަށް އަނިޔާ ވާން، އެއްގޮތަކަށް ބޭނުންމެއް ނުވާނެ" ކަމަށެވެ.

މިއާ އެކު އިންޑިއާގެ ފޮރިން މިނިސްޓްރީ އިން ވަނީ އިއްޔެ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނީ، ޕާކިސްތާން ވެއްޓިފައިވާ ދަށު ދަރަޖަ ފެނިއްޖެ ކަމަށެވެ. އެ ބަޔާނުގައި ބުނީ، 1971 ވަނަ އަހަރު ބަންގްލަދޭޝް ދަރިކޮޅުގެ މީހުންނާއި ހިންދޫންނާ ދެކޮޅަށް ޕާކިސްތާނުގެ ވެރިން ހިންގި ގަތުލުއާންމުގެ މަތިން ހަނދާން ނައްތާލައިފި ކަމަށާއި ބައިމަދު ދަރިކޮޅުތަކާ މެދު ޕާކިސްތާނުން ގެންގުޅޭ ސިޔާސަތަށް މާބޮޑު ބަދަލެއް އައިކަން ނުފެންނަ ކަމަށެވެ.