ދިވެހި ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "ބީވީމާ" ރިލީޒްކުރާ ދުވަސް ހާމަކޮށްފިއެވެ.
ޑާކްރެއިނުން ބުނީ މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ކަމަށެވެ. މީގެ ކުރިން ޑާކްރެއިނުން ބުނީ ދެއަހަރު ވަންދެން އޮލިމްޕަސް ތިއޭޓާ ބަންދުކޮށްފައި ހުރުމަށް ފަހު އަލުން އޮލިމްޕަސް ހުޅުވޭއިރު އަޅުވާ އެންމެ ފުރަތަމަ ފިލްމަކަށް ވާނީ "ބީވީމާ" ކަމަށެވެ. ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން އޮލިމްޕަސް ހުޅުވާނެއެވެ.
ޑާކްރެއިން އެންޓަޓެއިނުން ބުނީ ފިލްމުގެ ރަސްމީ މި މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށާއި އަދި ފިލްމުގެ ރަސްމީ ޓްރެއިލާ އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު ރިލީޒްކުރާނެ ކަމަށެވެ. އެންސީއޭ އިން ވަނީ އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކުން މި މަހު 15 އިން ފެށިގެން އޮލިމްޕަސް ބުކްކުރަން އަންގާފައެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުގެ ދަށުން ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. މުހައްމަދު ވިޝާން (ކަނޑި) ކެމެރާ ކުރާ މި ފިލްމުގެ ތަރިންނަކީ ލަވަކިޔުންތެރިޔާ އަޝްފާ، ކޮޕީ އިއްސެ، އައިޝަތު ޔާދާ، ސިލްނާ، އާޝާ، ޢައިޝަތު އަލީގެ އިތުރުން ހުނޭޝާ އާދަމް ނަސީރު އެވެ. އޭގެ އިތުރުން އަލީ ޝަޒްލީމް އާއި ޑާކްރެއިންގެ މިއީ ލޯތްބަކީ އިން ފެނިގެންދިޔަ ލަވަކިޔުންތެރިޔާ އަމަންގެ ކޮއްކޮ އާދަމް ޒިދާން (ނާނަ) ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
ޑާކްރެއިނުން މިހާރުވެސް ސިނަމާތަކަށް ގެންނަން ނިންމާފައިވާ ތިން ފިލްމެއް އެބައޮތެވެ. އެއީ "ބަޅިނދު"، "ނޮވެމްބަރ" އަދި "ހިނދުކޮޅެއް" މި ތިން ފިލްމެވެ.