ވައި ނުސާފުވާ މިންވަރު ދެނެގަތުމަށްޓަކައި ހުޅުމާލޭގައި މޮނިޓަރިން ސިސްޓަމްތަކެއް ހަރުކުރުމަށް އެޗްޑީސީ އާއި އެންވަޔަރަމަންޓް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ވައި ނުސާފުވާ މިންވަރު ދެނެގަންނާނެ މޮނިޓަރިން ސިސްޓަމްތައް އެ މިނިސްޓްރީ އަށް ހަދިޔާކޮށްފައި ވަނީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މި ސިސްޓަމްތައް ހަރުކުރަން ނިންމާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އެމެރިކާގެ އީޕީއޭ އިން އެއާ ކޮލިޓީ ބެލުމަށް ކަނޑއަޅާފައިވާ މިންގަނޑާ އެއްގޮތަށް ހިނގާ މި ސިސްޓަމްތަކުގައި ވައިގެ ކޮލިޓީ އަންގައިދޭ ހަ ކުލަ އެއް ހިމެނޭނެއެވެ.

މިފަދަ ސިސްޓަމްތަކެއް ރާއްޖޭގެ ސަރަހައްދުތަކުގައި ވަނީ ހަރުކޮށްފައެވެ. މި ސިސްޓަމްތައް ހަރުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ އިތުރުން ށ. ފުނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ގަން، އަދި ގދ. ތިނަދޫގައެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިފަދަ ސިސްޓަމްތައް ވިލިމާލެ އާއި މާލޭގައި ވަރަށް އަވަހަށް ހަރުކުރާނެއެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މި މަހުގެ ކުރީކޮޅު ވައި ނުސާފުވުމުގެ ސަބަބުން ބޭރަށް ނުކުމެ އުޅޭއިރު ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. ރާއްޖޭގައި އެ ދުވަސްވަރު ފުސްކަން އިތުރުވެފައި ވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވުމުން ދާތީ އުތުރު އިންޑިއާގެ ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރުމުން ކަމަށް މެޓު އޮފީހުން މީގެ ކުރިން ބުންޏެވެ.