މިދިޔަ ހޮނިހިރު ދުވަހު މެންދުރު މަރާލައިފާ އޮއްވާ ފެނުނު ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށާއި ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.

ނިޝާމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ހޮނިހިރު ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު ފައިސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާއި ތަނެއްގައި ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ނިޝާމާ މަރުވިއިރު ކުޑަ 3 ކުދިން ތިބިއިރު އެނގިފައިވާ ގޮތުގައި ނިޝާމާ މަރުވުމުން ފައިސަލް ފުރައިގެން ދިޔައީ ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށް ބުނެ ކުޅުދުއްފުއްޓަށެވެ.