މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗަށް ބޮލީވުޑްގެ ކާމިޔާބު ތަރި ދީޕިކާ ޕަޑުކޯން ދާ ގޮތަށް ހަމަޖެހިއްޖެއެވެ.

ވޯލްޑް ކަޕްގެ ފައިނަލު ބަލަން ގެންދާ ތަރިންގެ ލިސްޓުގައި ދީޕިކާ ހިމެނޭއިރު އެ މެޗުގައި ދީޕިކާ ވޯލްޑް ކަޕްގެ ޓްރޮފީ ދައްކާލާނެއެވެ. މި ޝަރަފު ދީޕިކާ އަށް ލިބުމާއެކު އޭނާ ވެގެން ގޮސްފައި މިވަނީ މިވަރުގެ ބޮޑު މުބާރާތެއްގައި އިންޓަނޭޝަނަލް ތަރިއަކަށް މީގެ ކުރިން ނުލިބޭ ފަދަ ޝަރަފެއް ލިބުނު ތަރިއަކަށެވެ.

ދީޕިކާ ގަތަރަށް ދާ ދުވަސް އަދި ފައިނަލް ނުވި ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި އޭނާ ވަރަށް އަވަހަށް ގަތަރަށް ދާނެއެވެ. ވޯލްޑްކަޕްގެ ފޯރި އެންމެ ގަދަވެފައިވާ މި ދަނޑިވަޅުގައި މިހާރު ކުޅެމުން އަންނަނީ ރައުންޑް އޮފް 16 ގެ މެޗުތަކެވެ. މިހާރު ކުއާޓާ ފައިނަލަށް ދަތުރުކުރި ހަ ޓީމު ކަށަވަރުވެފައި ވާއިރު މިރޭ ފެނިގެންދާ ދެ މެޗަށް ފަހު ކުއާޓާ ފައިނަލް ކުޅޭނެ ޓީމުތައް ޔަގީން ވާނެއެވެ.

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ދީޕިކާ އެންމެ ފަހުން ފެނިގެން ދިޔައީ ސިދާންތު ޗަކުރަވޭދީ އާއެކު ފިލްމު "ގެހެރިއާން" އިންނެވެ. މި ފިލްމަކީ ދީޕިކާ ގެ ވަރަށް ތަފާތު ފިލްމެކެވެ. އޭނާ އަތުގައި މިވަގުތު ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. މިހާރު ބަތަލާ މަސައްކަތް ކުރަމުން އަންނަނީ ޝާހްރުކް ހާން އާއި ޖޯން އަބްރަހަމް އާ އެކުގައި ފެނިގެންދާނެ ފިލްމު "ޕަތާން" ގައެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.