މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ހަދާ ބްރިޖް "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ މަސައްކަތް ކުރަން ބޭނުން ކުރާ ކެރެނޭނެއްގެ ބައެއް ކަނޑަށް ވެއްޓިއްޖެއެވެ.

މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަނޑަށް ވެއްޓު ބައި ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރި ވި ސަބަބު ދެނެގަތުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ކެރޭންގެ ބައެއް ކަނަޑަށް ވެއްޓިފައިވާ އިރު އެ ކެރޭނު އެ ވަގުތު ހުރީ ބްރިޖްގެ މަސައްކަތަށް ކަނޑުމަތީގައި ދެކޮޅަށް ދުއްވަމުން ދަނިކޮށް ވިލިނގިލި ފަރަށް އެރި ޕްކެޓްފޯމްގައި ހަރުކޮށްފައެވެ.

މި ހާދިސާ މިހެން ހިނގި ނަމަވެސް ބްރިޖްގެ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި ދެ ތިން ޕްލެޓްފޯމެއް އަޅަފައި އޮންނަ ތަން ފެނެއެވެ.

ބްރިޖް މަސައްކަތުގައި ކަނޑުގައި ޖެހި ފުތަރަމަ ޓެސްޓް ތަނބު ކައިޜީ އޮންނަ ޕްލެޓްފޯމް މަތީގައި ކެރޭނެއް ބާއްވާފައި / ފޮޓޯ: ދަ ޕްރެސް

ކެރޭން ވެއްޓުނު ހާދިސާ ހިނގާފައި މި ވަނީ ވިލިނގިލި ކައިރީގައި އަޅާފައި އޮތް ޕްލެޓްފޯމުންނެވެ. މިއަދު މެންދުރު ފަހު އެ ހާދިސާ ހިންގި އިރު، މިއަދު ހެނދުނު އެ ސަރަހައްދުގައި ބްރިޖްގެ މަސައްކަތް އޮތް ގޮތް ބަލާލުމަށް ދަ ޕްރެސްގެ ޓީމުން ވަނީ އެތަނަށް ގޮސްފައެވެ. މިހާރު އެ ބްރިޖްގެ މަސައްކަތަށް ޖާހަފައިވާ އެއް ޓެސްޓް ތަނބު ފިޔަވައި އިތުރު ތަނބެއް، އެއްގަމަކުވެސް ނެތެވެ.

ބްރިޖްގެ މަސައްކަތް މިހާ ހިސާބަށް ދިޔައިރު ބްރިޖްގެ މަސައްކަތަށް ބޭނުން ކުރި ޕްލެޓްފޯމެް ވަނީ ވިލިމާލެ ފަރަށް ވެސް އަރާފައެވެ. މޫސުން ގޯސްވެފައި އޮތް ދުވަސްވަރެއްގައި ހިނގި މި ހާދިސާގައި އެ ޕްލެޓްފޯމް ފަރުމަތިން ނެގުނީ ވެސް ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އަދި އެކަމުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާތީ ބްރިޖްގެ މަސައްކަތް ކުރަމުން ދިޔަ އެފްކޯންސް ކުންފުނި ވަނީ 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.

މިފަދަ ހާދިސާތައް ހިންގަމުން އަންނާތީ އާންމުންގެ ފާޑުކިޔުންތައް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ. ބްރިޖްގެ މަސައްކަތް އެފްކޯންސް އިން ބުނެފައިވާ ތާރީހަށް ނިންމޭނެ ކަމާއި އަދި އެފްކޯންސް އަކީ މިފަދަ ބްރިޖެއް އެޅުމުގެ ގާބިލްކަން ހުރި ބައެއް ކަމާ މެދު ގިނަ ބަޔަކު މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެފްކޯންސް އަކީ މީގެ ކުރިންވެސް ބްރިޖާއި ހައިވޭ ފަދަ ތަރައްގީގެ މަޝްރޫއުތައް ބޭރުގެ އެހެން ގައުމުތަކުގައި ވެސް ކޮށްފައިވާ ބައެކެވެ. އެ ގޮތުން މި އަހަރުގެ ތެރޭގައި އިންޑިއާގެ ކަޝްމީރުގެ ޖައްމޫގައި ރެއިލްވޭ ބްރިޖެއްގެ މަސައްކަތް ނިންމާފައިވާ އެ ކުންފުންޏަކީ އަދި މީގެ ކުރިން ކަނޑުގައި ބްރިޖެއް އެޅި ބައެއް ކަން އެނގޭކަށް ނެތެވެ.