ދުޝްމަނުން ހަމަލާއެއް ދީފި ނަމަ އަމިއްލަ ވަޒަނުގެ ކޮންމެ އިންޗިއެއްގެ ދިފާއުފައި އަސްކަރިއްޔާ އޮތް ކަމަށް ވިދާޅުވެ ޕާކިސްތާނުގެ އާ އާމީ ޗީފް އިންޑިއާއަށް މެސެޖެއް ދެއްވައިފިއެވެ.

ހުސްވި ހަފްތާގައި އާމީ ޗީފް ކަމަށް އައްޔަން ކުރި ޖެރެނަލް އާސިމް މުނީރު، އިމުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާން އަރާރުން ވަމުން ދާ ކަޝްމީރުގެ ޕާކިސްތާން ކޮންޓްރޯލް ކުރާ ސަރަހައްދަށް ވަޑައިގެން ވިދާޅުވީ، ދުޝްމަނުން ހަމަލާއެއް ދީފި ނަމަ، އަމިއްލަ ވަޒަނުގެ ކޮންމެ އިންޗިއެއް ދިފާއު ކުރެއްވުމުގެ އިތުރުން ދުޝްމަނުން ބަލި ކުރުގެ ގާބިލުކަންވެސް އިހުނަށް ވުރެ ވަރުގަދަ ކޮށްފައި ވާ ކަމަށާއި ދުޝްމަނުން ބަލިކުރަން ހަނގުރާމަ ކުރައްވާނެ ކަމަށެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގަން ފަހުން، އާސިމް މިފަދަ މޭރުމަކުން އިންޑިއާއަށް އަމާޒު ކުރައްވާ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ޕާކިސްތާނުގެ ޖެނެރަލްގެ މި ވާހަކަ އާ ގުޅިގެން އިންޑިއާއިން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާ އިރު، ނިއުކްލިއާ ބާރު ލިބިފައިވާ މި ދެގައުމުން ކަޝްމީރު ބޭނުން ވަނީ އެއްކޮށެވެ. ދެގައުމުންވެސް އެ އަރާރުމެއްގައި އޮތް އިރު، ދެގައުމުގެ ދެމެދުގައި ކުރި 3 ހަނގުރާމައެއްގެ ތެރެއިން 2 ހަނގުރާމައެއް ކޮށްފައި ވަނީ ވެސް އެ ސަރަހައްދުގައެވެ.

ކަޝްމީރަކީ ފަރުބަދަ މަތީ ރީތި، ގުދުރަތީ މުއްސަނދިކަމުން ފުރިގެންވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ދެގައުމުގެ އިން ވަކި ކޮށްފައި އޮންނަ އިރު އެއްކޮޅު ގޮސް ޗައިނާއާ ވެސް ގުޅެއެވެ. މި 3 ގައުމުން 2003 ވަނަ އަހަރު އަހުދުނާމާއެއްވެސް ހެދިއެވެ. އެއީ، ލައިން އޮފް ކޮންޓްރޯލްގައި ސުލްހަ ގާއިމު ކޮށް، ގުޅިގެން ފޯރިމަރާ ބެލެހެއްޓުމަށެވެ. 740 ކިލޯމީޓަރުގެ ބޯޑަރަކުން ދެ ގައުމު ބައިކޮށްފައި އޮންނަ އިރު، ދޭތެރެ ދޭތެރެއިން އެއްބަޔަކު އަނެއް ބަޔަކަށް ބޮޑުބަޑިއާއި މޯޓަރު ބަޑި އަދި ކުދި ހަތިޔާރުން ހަމަލާ ބަދަލު ކުރެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި 2021 ވަނަ އަހަރު ފެށިގެން އައި އިރު މި ދެގައުމު އޮތީ އިމުގެ މައްސަލައިގައި ވަރަށް ސުލްހަވެރިކޮށެވެ. ނަމަވެސް އިންޑިއާ އާއި ޗައިނާ އަދި ޕާކިސްތާން ހިމެނޭހެން އަފްގާނިސްތާނުގެ އިމާވެސް ގުޅޭ މި ބޯޑަރުގެ މައްސަލައިގައި މި ގައުމުތަކުން އެއްފަރާތުން އަނެއް ފަރާތަށް އެކި އެކި ތުހުމަތުތައް ކުރެއެވެ.

ބޯޑަރުގެ މައްސަލަ، މި ގައުމުތަކަށް ބޮޑުވެފައި ވާ އިރު، އިންޑިއާއިން މިހާރު ގެންދަނީ އެމެރިކާ އާ ގުޅިގެން ޗައިނާ އާ ވީ ބޯޑަރާ 100 ކިލޯމީޓަރު ގައި އޮންނަ ލަދާކް ސަރަހައްދުގައި ވަރުގަދަ އަސްކަރީ ފަރިތަކުރުންތަކެއް ހިންގަމުންނެވެ.

މި ފަރިތަކުރުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކަން ނުކުރުމަށް ޗައިނާއިން އެދުމުން އިންޑިއާއިން ބުނެފައި ވަނީ، ބޭނުން ބަޔަކާ އެކު ބޭނުން ވަގުތެއްގައި ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށާއި އެއީ ޗައިނާ އާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި އިންޑިއާގެ ކަންކަމުގައި ވީޓޯ ބާރު ޗައިނާ އަށް ދީފައި ނޯންނާނެ ކަމަށް ބުނެ ވަނީ ރައްދު ދީފައެވެ.