ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން އާ މަޝްވަރާ ކުރައްވަން ތައްޔާރު ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވުމާއެކު، އެ މަޝްވަރާތަކަށް ދިޔުމުގެ ކުރިން އަމިއްލަ ކުރި ބިންތައް ބަލައިގަންނަން ޖެހޭނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.

މީގެ ކުރިން ސުލްހައިގެ ވާހަކަ ދައްކަން ޝައުގުވެރި ވާކަން ރަޝިއާއިން ހާމަކުރި އިރު އެމެރިކާއިން ދިޔައީ އެކަމާ އިންކާރު ކުރަމުންނެވެ.

މިފަހަރު އެމެރިކާއިން އެ ޝައުގުވެރިކަން ފާޅު ކުރުމުން ރަޝިއާގެ ރައްދަކީ، ހަނގުރާމައިގައި ހިފާ އަމިއްލަ ކުރި ޔޫކްރައިންގެ 4 ސަރަހައްދަކީ ރަޝިއާގެ ތަންތަން ކަމުގައި ބަލައިގަތުމެވެ.

ހަނގުރާމައަށް އަހަރަކަށް ވާން ގާތްވެފައި ވާ އިރު، ރަޝިއާއިން ހިފި ސަރަހައްދުތަކުގެ ތެރެއިން ހާސަން ގެއްލި، ޑިނީޕާ ސަރަހައްދުވެސް ވަނީ ގެއްލުމުގެ މަގުމަތީގައެވެ. އަދި ޔޫކްރައިން ސިފައިން ކުރި އަރާ، އެ 4 ސަރަހައްދުގެ ދެބައިކުޅަ އެއްބައި އަނބުރާ އަތުލާފައި ވާ އިރުވެސް ރަޝިއާ އިން ބުނީ، ހުޅަނގުން ބުނާ ގޮތަށް ޔޫކްރައިން އިން ފައިބަން އެއްބަސް ވެ މަޝްވަރާ ތަކަށް ނުދާނެ ކަމަށެވެ.

އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ ޝައުގުވެރި ކަމާއެކު ގޮތެއް ހޯއްދަވަން ޕުޓިން ތައްޔާރު ނަމަ އެ މަގަށް ވާހަކަ ދައްކަވަން ޕުޓިން އާ ބައްދަލުކުރައްވާނެ ކަމަށެވެ.

މިއަދު ޖަރުމަނުވިލާތުގެ ޗާންސެލާ އޯލާފް ސްކޯލްޒް ވެސް ވަނީ ރަޝިއާގެ ރައީސް އަށް ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ. ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ މި ފޯން ކޯލްގައި، ޔޫކްރައިން އިން ފައިބަން ރަޝިއާ އިން ޑިޕްލޮމެޓިކް ހައްލެއް ހޯދަން ޕުޓިންއަށް ދެންނެވި ކަމަށް ބާލިންގެ އޮފިޝަލުން ވިދާޅުވެއެވެ.

ކްރެމްލިން އިން ބުނީ، އެ ފޯންކޯލް ކުރީ، ޖަރުމަނުން އެދޭ ވަރުން ކަމަށާއި، ޔޫކްރައިން އާ ގުޅެގޮތުން ޖަރުމަނުން ފާޅުކުރި ހިޔާލު އަނބުރާ ގެންދިޔުމަށް ސްކޯލްޒް އަށް ޕުޓިން ދެންނެވި ކަމަށެވެ.

ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، މަޝްވަރާ އަށް އަބަދުވެސް ރަޝިއާ ތައްޔާރު ކަމަށާއި ނަމަވެސް އެމެރިކާގެ ރައީސް ވިދާޅުވާ ގޮތަށް މަޝްވަރާ އަށް ދާން، ޔޫކްރައިން އިން ފައިބަން އެއްބަސް ނުވެވޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަޝްވަރާ އަށް ދާން މެދުމިނުގެ ހައްލެއް ވެސް ހޯދުމަކީ އުނދަގޫކަމެއް ކަމަށާއި، ރަޝިއާއިން ހިފި ތަންތަނަކީ ރަޝިއާގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާ ދެކޮޅު ހަދާ ކަމަށެވެ.

ރަޝިއާއިން ހިފި 4 ސަރަހައްދު، ލުހާންސް އާއި ޑޮނެސްކް، ހާސަން އަދި ޒެފްރޯޒިއާ އަމިއްލަކޮށް ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައެލީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.