މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލު ވަނީ ނޮވެމްބަރު 22 ވަނަ ދުވަހު ތަސްދީގު ކޮށްފައެވެ.

މިއާ އެކު މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް، ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުވެގެން ދާނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ޓެކްސް، ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވެގެން ދާނެއެވެ.

ދުނިޔޭގެ އިގްތިސޯދު ހީނަރުވެފައިވާ މިދަނޑިވަޅުގައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކެއް ކުރިމަތި ވާނޭ ކަމެއްކަން ގައިމެވެ. ޓެކްސްގެ ބިލު ފާސްކޮށް ތަސްދީގު ކޮށްފައި މިވަނީ ކަމާ ބެހޭ މާހިރުން އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވެސް މިއީ ޓެކްސް ބޮޑުކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް ލަފާދީފައި ވަނިކޮށް ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާދީފައި ވަނީ 2024 ވަނަ އަހަރު ޓެކްސް ބޮޑުކުރުން އެންމެ ރަނގަޅު ކަމަށެވެ.

ސަރުކާރުގެ ހަރަދުތައް ބޮޑުވެ ދެކޮޅު ނުޖެއްސޭވަރު ވުމުން އެންމެ ރަނގަޅު ހައްލެއް ކަމުގައި ސަރުކާރަށް ފެނިފައި ވަނީ ޓެކްސް ނަގާ މިންވަރު ބޮޑުކުރުމެވެ. ރައްޔިތުންގެ ގިނަ ފާޑުކިޔުންތައް މިކަމަށް އަމާޒު ވިޔަސް ފަރުވާލެއް ނެތެވެ. ޓެކްސް ބޮޑުނުކޮށް ފަރުޖެއްސޭނޭ ގޮތްތައް އެބަހުރި ކަމަށް ތަޖުރިބާކާރުން ލަފާދިނަސް އެކަން އެގޮތަށް ކުރާކަށް ބޭނުމެއް ނުވިއެވެ. ޓެކްސް ނަގާ މިންވަރު އިތުރު ކުރުމުން އާމްދަނީ 3 ބިލިއަން އިތުރު ވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޓެކްސް ބޮޑުކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކަން ހުރި މީހެއް / ފޮޓޯ: ދަ ޕްރެސް

ރާއްޖޭގެ އިގްތިސޯދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް މީގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވާނޭ ކަމުގައި ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. ބޮޑެތި ރިސޯޓުތަކަށް އެނގުން ނުވިޔަސް ގެސްޓުހައުސް ވިޔަފާރިއަށް މީގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާނޭ ކަމަށް މި ވިޔަފާރީގައި އުޅޭ ފަރާތްތަކުން ލަފާކުރެއެވެ.

ޓެކްހުގެ ސީދާ އަސަރު

ބޮޑެތި މަގާމުތަކުގައި ބޮޑު މުސާރައިގައި އުޅޭ މީހުންނާއި މުއްސަނދިންނަށް ޓެކްސް ބޮޑުވުމަކުން ވާނޭ ގެއްލުމެއް ނެތެވެ. ހުރިހާ ދެރައެއް ލިބޭނީ ނިކަމެތި ރައްޔިތު މީހާއަށެވެ.

ޓެކްސްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވިޔަސް ބިލަށް އަމަލުކުރުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 1، 2023 އިން ފެށިގެންނެވެ. ނަމަވެސް މަޖިލީހުން ޓެކްސް ބޮޑުކުރަން ވާހަކަ ދެކެވުނު ހިސާބުން ފެށިގެން އޭގެ އަސަރު ވިޔަފާރި ތަކުން ފެންނަން ފަށައިފިއެވެ. ގިނަ ތަކެތީގެ އަގު ހިފެހެއްޓިފައި ހުއްޓަސް ބައެއް އެއްޗެހީގެ އަގަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ރައްޔިތުންނަށް ނޭނގޭނޭ ގޮތަށް ބައެއް ތަކެތިން ދުވާލަކު ނުވަތަ ހަފްތާއަކު 1ރ ނޫނީ 2ރ ބޮޑުކޮށްފައި ވެސް އެބަހުއްޓެވެ. އެހެން ބައެއް އައިޓަމްތަކުން 3ރ އާއި 6ރ އާ ދެމެދުގެ އަގެއް ޖައްސާފައި ވެއެވެ. އަދި ބައެއް ތަކެތިން 30ރ، 35ރ ވެސް ބޮޑުކޮށްފައި އެބަހުއްޓެވެ.

މިހާ އަވަހަށް ތަކެތީގެ އަގަށް ބަދަލު އަންނަމުން ދަންޏާ ޖީއެސްޓީ ބޮޑުވާ ހިސާބުން އަގުތައް އުފުލޭނެ ވަރު ނިކަން އަންދާޒާ ކޮށްލައްވާށެވެ. އާންމުކޮށް ކޮންމެ ރޯދައަކަށް ރާއްޖެއިން ލިބެން ހުންނަ ތަކެތީގެ އަގުވެސް ވިޔަފާރިވެރިން ބޮޑުތަނުން ބޮޑުކުރެއެވެ. އަދި މުދާ ގެނެސް ބޮޑު އަގުގައި ފަހުން ވިއްކަން ގުދަން ކޮށްފައި ބަހައްޓާ ކަމުގެ ތުހުމަތުވެސް ވިޔަފާރިވެރިންގެ މައްޗަށް ކުރެވެއެވެ. މިގޮތުން އަގު ބޮޑުކުރާ ތަކެތީގެ ތެރޭގައި އާންމުކޮށް ކެއުމަށް ބޭނުންކުރާ ފިޔާ، ބިސް، ލުނބޯ، މިރުސް އަދި ދަޅުކާނާ ފަދަ އެއްޗެހި ހިމެނެއެވެ.

ހުޅުމާލެ ފިހާރައެއްގައި ވިއްކަން ހުރި ބައެއް ތަކެތި / ފޮޓޯ: ދަ ޕްރެސް

މިއަހަރު ތެރޭގައި ތަކެތީގެ އަގަށް އައި ބަދަލުތަކަކީ ޔުކްރެއިން ހަގުރާމައިގެ ސަބަބުން ތަކެތި އެތެރެ ކުރުމަށް ދިމާވާ ހުރަސްތަކާ ހެދި އަންނަ ބަދަލުކަމަށް ވިޔަފާރިވެރިން ބުނެއެވެ. މީގެ އިތުރުން ޑޮލަރުގެ އަގު ބޮޑުވެ ޑޮލަރު ލިބުން ދަތިވުމަކީވެސް މީގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ވިޔަފާރިވެރިން ބުނެއެވެ. ނަމަވެސް މީގެ އެންމެ މޮޅު ކަމަކީ ޑޮލަރު ބޭނުން ވަރަކަށް ލިބެން ހުއްޓަސް ތަކެތީގެ އަގު ހެޔޮނުކުރާ ކަމެވެ. މީގެ އެއް މިސާލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭ އިރަށް ރާއްޖެއިން އަގު ބޮޑުކުރުމެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓުނަސް ރާއްޖޭގެ އަގުތަކަށް މާބޮޑު ބަދަލެއް ނާދެއެވެ.

އަގުބޮޑު ކުރާ ކަމަށް ވިޔަފާރިވެރިން އެއްބަހެއް ނޫން

ކަންމަތީ ގިނަ ފިހާރަތައް ހިންގާ ވިޔަފާރިވެރިން އެއްޗެހި އަގުބޮޑުވާ ކަމަކަށް އެއްބަހެއް ނުވެއެވެ. ނަމަވެސް އަބަދު ވިޔަފާރިކުރާ ބަޔަކަށް އެބަޔަކު އަބަދު ގަންނަ އެއްޗެހީގެ އަގު ބޮޑުވުމުން އިނގޭނެތާއެވެ.

ދާދި ފަހުން އަގު ބޮޑުކުރި ތަކެތީގެ ތެރޭގައި މަސްދަޅު، ކައްކާތެޔޮ، ކުކުޅު، މައިލޯ އަދި ކޮފީގެ އިތުރުން ތަރުކާރީ އާއި މޭވާ އާއި ޕާނުގެ އެކި ބާވްތަތއް ހިމެނެއެވެ. މިއީ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޮންމެ ގެއެއްގައި ވެސް ބޭނުންކުރާ ޒަރޫރީ ތަކެއްޗެވެ.

ޓެކްސް ބޮޑުވުމުން ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ، ހޮޓާ، އަދި ރެސްޓޯރަންޓު ފަދަ ތަންތަނުގެ އަގުތަކަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ތަކެތީގެ އަގު އުފުލުމާ އެކު ސާވިސްޗާޖުގެ ތެރެއަށް ޖީއެސްޓީ އިން އިތުރުވި އަދަދު އެކުވެ އެވެސް ބޮޑުވެގެން ދިޔުމެވެ. 2016 ވަނަ އަހަރު އެސްޓީއޯ އިން ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ކަނޑާލުމުގެ ސަބަބުން ގިނަ ހޮޓާ ކެފޭތަކުން ހެދިކާވެސް އޭގެ އަނެއް ދުވަހު އަގު ބޮޑު ކޮށްލިއެވެ. ފުށް އަގު ބޮޑު ވެގެން ބަޖިޔާ އަގު ބޮޑުކުރި ބައެއް ހޮޓާ ކެފޭތަކުން ފުށް އަގު ހެޔޮ ވީމައިވެސް ބަޖިޔާ އަގުހެވެއް ނުކުރިއެވެ. ވިޔަފާރިވެރިން ތިބެނީ ދަނޑިވަޅަކަށް ބަލަބަލައޭ ކިޔަނީ މިހެން ވެގެންނެވެ.

އާ ޖީއެސްޓީއަށް އަމަލުކުރަން ނުފަށަނީސް ބައެއް ތަކެތީގެ އަގަށް ގެނައި ބަދަލު / ދަ ޕްރެސް ގްރެފިކްސް

ތަކެތީގެ އަގަށް އައިސްފައިވާ ބަދަލު

ބައެއް ވިޔަފާރިވެރިތަކުން ލިބުނު މައުލޫމާތަށް ބަލާއިރު އަގަށް ބޮޑެތި ބަދަލުތައް އައިސްފައި ވާ ބައެއް ބާވްތްތައް މިހަރުވެސް އެބަހުއްޓެވެ. އެއް ބާވަތެއްގެ ތަކެތި އެކި ފިހާރަތަކުގައި ބޮޑުކޮށްފައި ހުރި އެކި މިންވަރަށެވެ.

  • ބޯންލެސް ކުކުޅު – 30ރ އާއި 35ރ އާ ދެމެދު
  • ހިކި ކިރު – 20ރ އާއި 25ރ އާ ދެމެދު
  • މައިލޯ ދަޅު – 7ރ އާއި 10ރ އާ ދެމެދު
  • ސަންފްލާވާ ކައްކާތެޔޮ - 20ރ އާއި 30ރ އާ ދެމެދު
  • މަސްދަޅު - 3ރ އާއި 5ރ އާ ދެމެދު
  • ނެސްކެފޭ ކޮފީ ފުޅި - 8ރ އާއި 10ރ އާ ދެމެދު

މީގެ އިތުރުން ވެސް ތަފާތު ގިނަ ކާބޯތަކެތީގެ އަގަށް ވަނީ އެކި ވަރުގެ ބަދަލުތައް ގެނެސްފައި ކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ގަނޑުކޮށް މުދާ ގަންނަ ފަރާތަކުން ދިން މައުލޫމާތަކަށް ބަލާއިރު،

  • ކުރިން 118ރ އަށް ވިއްކި މަމީ ނޫޑްލްސް ކޭސް މިހާރު ލިބެނީ 145ރ އަށް ބޮޑުކޮށްފައި
  • އިންޑޯ މިލްކް ކޭސް 145ރ އިން 185ރ އަށް ބޮޑުކޮށްފައި
  • ސޯކްލިން އޯމޯ ކޭސް 230ރ އިން 260ރ އަށް ބޮޑުކޮށްފައި

ގިނަ ފިހާރަތަކުން ލިބުނު މައުލޫމާތަށް ބަލާއިރު މިހާރުވެސް ޖީއެސްޓީ ނަގާ ތަކެއްޗަށް ވުރެ ޖީއެސްޓީ ނުނަގާ ތަކެތި ވިއްކާ އަގު މާބޮޑަށް ވެސް ބޮޑެވެ. އޭގެ ތެރޭގައި ހިކި ކިރު، ކުޑަކުދިންގެ ނެޕީ އަދި އެކި ވައްތަރުގެ މޭވާ އާއި ތަރުކާރީ ހިމެނެއެވެ.

ރާއްޖޭގައި ފެށުނީއްސުރެން ވެސް އާންމުކޮށް ލިބެން ހުންނަ މޭވާތައް ކަމުގައިވާ އާފަލު އަދި އޮރެންޖުގެ އަގު ވެސް ވަނީ ބޮޑުތަނުން އަގު ބޮޑުވެފައެވެ. އެގޮތުން ކުރިން އާންމުކޮށް 3ރ އަށް ވިއްކަމުން އައި އޮރެންޖު މިހާރު ބާޒާރުގައި ހުރީ 8ރ އާއި 10ރ އާއި ދެމެދުގެ އަގެއްގައެވެ. މިއީ 200 ޕަސެންޓުގެ ބޮޑުވުމެކެވެ. އޮރެންޖުގެ އަގު މިހާ ބޮޑު ވެފައި މިވަނީ ދުނިޔޭގެ ބާޒާރުގައި އޮރެންޖު ލިބުން ދަތިވުމާ ގުޅިގެން ކަމަށް މި ބާވަތްތައް އެތެރެ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި ކުރިން 4ރ އާއި 5ރ އާއި ދޭތެރޭ ވިއްކާ އާފަލު މިހާރު ލިބެނީ 8ރ އަދި 10ރ އާއި ދޭތެރޭގެ އަގެއްގައެވެ. ބައެއް ފިހާރަތަކުން ފެހި އާފަލު ވިއްކަނީ މިހާރު 12ރ އަށެވެ.

ބޭކަރީތަކުގައިވެސް އަގުތައް ހުރީ ބޮޑުކޮށްފައެވެ. ސޯކޭހުގައި އަތުރާގައި ހުންނަ، ޕާނުގެ އެކިއެކި ބާވްތަތަކުން ގާތްގަނޑަކަށް 4ރ އާއި 5ރ ދެމެދަށް އަގު ބޮޑުކޮށްފިއެވެ.

ސްކޫލު މަދަރުސާތަކުގެ ދަރިވަރުން އާންމުކޮށް ބޭނުން ކުރަން ޖެހޭ ތަކެތިވެސް އަގުބޮޑުކޮށްފި / ފޮޓޯ: ދަ ޕްރެސް

ސްކޫލަށް ބޭނުންވާ ތަކެތިވެސް އަގުބޮޑުކޮށްފި

ކާބޯތަކެތީގެ އިތުރުން ކުދިންގެ ސްކޫލަށް އާންމުކޮށް ބޭނުންވާ ސާމާނުތައް ކަމުގައިވާ ކުލަ ފޮށި، ފަންސުރު، ގްލޫސްޓިކް ފަދަ ތަކެތީގެ އަގުވެސް އުފުލިފައި ވާކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ބައެއް ބުކްޝޮޕްތަކުން ކުރިން 55ރ އާއި 60ރ އާއި ދޭތެރޭ އަގެއްގައި ލިބެން ހުރި އެންމެ މަގުބޫލު ބްރޭންޑު ކަމުގައިވާ ފޭބާ ކުލަފޮށި މިހާރު ލިބެން ހުރީ 85ރ އާއި 75ރ އާއި ދޭތެރޭގެ އަގެއްގައެވެ. 12 ކުލަ ހިމެނޭ ރަނގަޅު ކޮލިޓީގެ ކުލަފޮށްޓެއް 35ރ ނޫނީ 45ރ އަށް ވުރެ ކުޑަކޮށް ނުލިބެއެވެ.

ސްކޫލަށްދާ އުމުރުގެ 3 ނޫނީ 4 ކުދިން ގެންގުޅޭ މީހަކަށް އަބަދު މިފަދަ ކޮންމެވެސް އެއްޗެއް ގަންނަން ޖެހިފައި އޮތުމުގެ އިތުރުން ސްކޫލުގެ ފިލާވަޅާ ގުޅުން ހުންނަ ކޮންމެވެސް އެއްޗެއް ކޮންމެ ދުވަހަކު ހޯދަން ޖެހެއެވެ.

ހަރަދު ބޮޑުވީމައި އާންމު މީހާއަށް ވެސް ދެކޮޅު ނުޖެހޭނެ

ހަރަދުތައް ބޮޑުވެގެން ދެކޮޅު ނުޖެހިގެން ހަމައެކަނި އުޅެނީ ސަރުކާރަކުން ނޫނެވެ. އާންމު ރައްޔިތުންގެ ހާލު އަދި އެއަށް ވުރެ ބޮޑެވެ. އަސާސީ ބޭނުންތަކަށް ކޮންމެހެން ގަންނަން ޖެހޭ ސާމާނު ރާއްޖޭގެ ބާޒާރުގައި އެހާމެ "އަގު ފަލަ" އެވެ. ޓެކްސް ގެ ބިލޭ ބުނާ އިރަށް ތަކެތީގެ އަގު ބާޒާރުގައި އުފުލާ އިރު، ރައްޔިތު މީހާއަށް ލިބޭ އާމްދަނީ އިން އެންމެ ރުފިޔާއެއް ވެސް އިތުރެއް ނުވެއެވެ.

ދާދި ފަހުން މުވައްޒަފުންގެ މުސާރަ ބޮޑު ކުރި ވަގުތާއި، ޓީޗަރުންގެ މުސާރަ ބޮޑު ކުރި ވަގުތުވެސް ވިޔަފާރިތަކުން ތަކެތީގެ އަގު ބޮޑު ކުރިއެވެ. އެކި އެކި ހިދުމަތްތައް ދޭ ފަރާތްތަކުން ހިދުމަތުގެ އަގު ބޮޑު ކުރިއެވެ. އެނބުރުން އަރަނީ އާންމު މީހާއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ތަންފީޒު ކުރަން ބުނެފައި އޮތް ތާރީހުގެ މާ ކުރިން އަގުތައް ބޮޑު ކުރި އިރު، ބާޒާރު ކުރާ ޕްލާސްޓިކް ކޮތަޅުވެސް އަގުބޮޑު ކުރީއެވެ. އާ ޓެކްހާއެކު ކޮތަޅެއްވެސް ދެން ލިބޭނީ، މިހާރު ހުރި އަގަށް 2ރ އާ ލައިގެންނެވެ. ޖެނުއަރީ 1 އިން އަހަރު ފަށާ، ވިޔަފާރިވެރިން ހެއްވާލާ އިރު އާންމު ރައްޔިތުން ރޮއްވާލާނީ އަނގާ އަތާ ދިމާ ނުވެ، ލައިގަންނަ ރޯދަމަހަށެވެ.