ރޭޑީއޭޝަނެއް ނާންނަ އަދި ހަށިގަނޑުގައި އެއްވެސް އެއްޗެއް ހަރުނުކޮށް ބްރެސްޓް ކެންސަރު ނުވަތަ އުރަމަތީ ކެންސަރު ދެނެގަންނަ ސްކޭނަރެއް އިންޑިއާގައި އުފައްދައިފިއެވެ.

އިންޑިއާގެ ޒެރޮކްސް ރިސާޗް ސެންޓަރުގެ ހެޑް (ވެރިއަކަށް މަސައްކަތް ކުރި މީހާ) ގީތާ މަންޖުނާތުގެ މި އުފެެއްދުމާ އެކު ސިއްހީ ދާއިރާއަށް އާ އިންގިލާބެއް އަންނާނެ ކަމަށް މާހިރުން ބުނާ އިރު މި އީ އަގުވެސް ހެޔޮ ހަރަދު ކުޑަ އާލާތެކެވެ.

ބްރެސްޓް ކެންސަރު ދެނެގަންނަން އެންމެ ޔަގީން ޓެސްޓަކީ މެމޯގްރަޕީ ހެދުން ކަމަށް ވާ އިރު އެއީ އަގު ބޮޑު އަދި މެދުފަންތީގެ ގައުމުތަކުގެ އިތުރުން ފަގީރު ގައުމުތަކުގެ ކޮންމެ މީހަކަށް ފަސޭހައިން ހޯދޭ ހިދުމަތެއް ނޫނެވެ.

ނަމަވެސް މި އުފެއްދި ސްކޭނަރަކީ، ބޭނުން ކުރަން ފަސޭހަ އަދި އަގު ހެޔޮ ހިދުމަތެއް ކަމުން ގިނަ އަދަދެއްގެ ބަޔަކަށް، ކުރީކޮޅުގައި ބްރެސްޓް ކެންސަރު ދެނެގަތުމަށް ފަސޭހަވެ މާލީ ގޮތުން ލުއިތަކެއް ލިބިގެން ދާނެ ކަމަށް ބުނެއެވެ.

މި ސްކޭނަރު އުފެއްދި ގީތާ ބުނީ، އޭނާ އެ ހިޔާލައިގެން ކުރިއަށް ދިޔައީ އުމުރުން 42 އަހަރުގެ އޭނާގެ ތިމާގެ މީހަކަށް ބްރެސްޓް ކެންސަރު ޖެހި ދެނެގަނެ ވުނު އިރު ވަރަށް ފަހުގެ މަރުހަލާއެއްގައި ހުރުމުން އޭނާގެ ފުރާނަ ސަލާމަތް ނުވެ މަރުވި ހިސާބުން ކަމަށެވެ.

"މެމޭގްރާމް ހަދައިގެން ކުރީކޮޅުގައި ނޭނގުނު، އަދި އުމުރުން 45 އަހަރުގެ އަންހެނުންނަށް ބްރެސްޓް ކެންސަރު ޖެހިފައި ހުއްޓަސް، ކެންސަރުގެ ކުރީކޮޅުގައި މެމޯގްރާމުން ދެނެގަތުމަކީ އުނދަގޫ ކަމެއް، އެހެންވެ އާޓިފިޝަލް އިންޓަލިޖަންސް ގެ އެހީގައި ކުރީކޮޅުގައި ދެނެގަނެވޭނެ ގޮތެއް ހޯދަން ކުރި މަސައްކަތެއް މިއީ"
ގީތާ

ތަރުމަލިޓިކްސް ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި ވާ އާ ތާމަލް އިމޭޖިން ނުވަތަ ސްކޭނަރުގެ އެހީގައި މިހާރު 29 ސިޓީއަކުން 75،000 އަންހެނެއްގެ އުރަމަތި ސްކޭން ކޮށްފައި ވާ ކަމަށް ގީތާ ބުނެއެވެ. މި ޓެކްނޮލޮޖީގައި އިފްރާރެޑް ކެމެރާ ބޭނުންކޮށްގެން އަންހެނާގެ އުރަމަތީގެ ފިނި ހޫނުމިން ދެނެގަނެއެވެ. އަދި ޓިއުމަރު ހުންނަ ސަރަހައްދުގެ ޓެމްޕްރޭޗާ ފާހަގަ ކުރެވެއެވެ. އެ މައުލޫމާތު އާޓިފިޝަލް އިންޓަލިޖަންސްގެ އެހީގައި ރީޑްކޮށް އޭގެ ސައިޒާއި ވައްތަރު ދެނެގަނެއެވެ.

ގީތާގެ މި އީޖާދު ޓެސްޓް ކުރުމަށް ކެންސަރު ޖެހިފައި ތިބި 72 މީހެއްގެ އުރަމަތި ސްކޭންކޮށް އެ މައުލޫމާތު އާޓިފިޝަލް އިންޓަލިޖެންސްގެ އެހީގައި ބަލައި ކެންސަރު ހުރި ހިސާބާއި ފުން މިން ދެނެގަތެވެ.

ގީތާގެ މި އުފެއްދުން މިހާރު އިންޑިއާގެ ބެންގަލޫރުގެ ބީއެމްއެސް ހޮސްޕިޓަލާއި ކަރްނާޓަކާގެ ކެންސާ ސޮސައިޓީގައި ބޭނުން ކުރެއެވެ. އަދި ޔޫއޭއީ، ކެންޔާގެ އިތުރުން ފިލިޕީންސްގައި ވެސް މިހާރު މި އާލާތް ބޭނުން ކުރާކަމަށް ހަބަރުތައް ބުނެއެވެ. މީގެ އިތުރުން މި އާލާތް ޔޫރަޕާއި އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ މިހާރު ލިބިފައި ވާ އިރު ލަސްތަކެއް ނުވެ އެ ސަރަހައްދުތަކުގައި ބޭނުން ކުރަން ފަށާނެ ކަމަށް ގީތާ ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯގެ 2020 ގެ ހިސާބުތައް ދައްކާ ގޮތުން 2.3 މިލިއަން އަންހެނުންނަށް ވަނީ ބްރެސްޓް ކެންސަރު ޖެހިފައެވެ. އަދި އެ އަހަރު 685،000 އަންހެނަކު ބްރެސްޓް ކެންސަރުގައި ވަނީ މަރުވެފައެވެ.

އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރުން ހާމަ ކުރާ ގޮތުގައި އިންޑިއާގައި 2020 ވަނަ އަހަރު މަރުވި މީހުންގެ 37 ޕަސެންޓް މަރުވެފައި ވަނީ ބްރެސްޓް ކެންސަރުގައެވެ.