ޓެކްސް ބޮޑުކުރީ އާންމުންނަށް ދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި ރާއްޖޭގެ އިގްތިސޯދު މެނޭޖުކުރުމަށް ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރަން ނިންމައި މަޖިލިހުން ޓެކުހުގެ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ މި މަހުގެ 16 ގައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ އިސްލާހު ތަސްދީގުކުރައްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. އެހެންކަމުން އަންނަ އަހަރުން ފެށިގެން:

  • ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވާނެ
  • ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވާނެ

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ މެދު އާންމުންގެ އިތުރުން ބައެއް ވިޔަފާރިތަކާއި، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޓެކްސް ބޮޑުކުރުން އެއް އަހަރަށް ފަސްކުރުމަށް ބޭރުގެ ބައެއް އިދާރާތަކުންނާއި މަރުކަޒީ ބޭންކު އެމްއެމްއޭ އިން ވެސް ލަފާދީފައިވެއެވެ.

ނަމަވެސް ޓެކްސް ބޮޑުކުރަން ނިންމި ނިންމުމުގެ ދިފާއުގައި ސަރުކާރުން ބުނަމުން ދަނީ، ޓެކްސް ބޮޑުކުރީ ރާއްޖޭގެ އިގްތިސޯދު މެނޭޖުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާ މެންބަރުން ވަނީ އެމްއެމްއޭގެ ލަފައަކީ ސިޔާސީ ލަފައެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ސަރުކާރުން ބުނި ބުނުން ތަކުރާރުކުރައްވައި މިއުވާން ވިދާޅުވީ، ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމާފައި ވަނީ ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި، ބައިނަލްއަގުވާމީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވެސް ލަފަޔާ އެކީގައި ކަމަށެވެ.

މިއުވާން ވިދާޅުވީ، ޓެކްސް ބޮޑުކުރީ މުޅި ރާއްޖޭގެ އިގްތިސޯދު މެނޭޖުކުރުމަށް ކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެއެވެ.

"ސަރުކާރުން މި ހިންގަމުން މިދާ މަޝްރޫއުތަކާއި ޕްރޮޖެކްޓްތަކާއި އަދި ރައްޔިތުންނަށްދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އަދި އިގްތިސޯދު މެނޭޖުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރެވިގެން މި ދިޔައީ."

ތަރުޖަމާނު މިހެން ވިދާޅުވިއިރު، ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންގެ އެސޯސިއޭޝަން (މަޓާޓޯ) އިން ބުނީ، ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ކޮންމެ މުވައްޒަފެއްގެ ސާވިސް ޗާޖުން ގާތްގަނޑަކަށް 2،000ރ މަދުވެ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރި އަށް 50 މިލިއަން ޑޮލަރުގެ ގެއްލުން ލިބި، ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ހަމަ އެއާއެކު، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ ނޭދެވޭ އަސަަރު އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދިފަންތި އާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރާނެ ކަމަށް ވެސް މަޓާޓޯ އިން ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން ޓެކްސް ބޮޑުކުރީ ބޭރުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާ އެކީގައި ކަމަށް މިއުވާން ވިދާޅުވި ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން އެނގިފައިވާ ކަން ފާހަގަކޮށް އެ އެސޯސިއޭޝަނުން ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ގާބިލްކަމާ މެދު ސުވާލު އުފައްދައި އޭނާ އާ މެދު ފިޔަވަޅު އެޅުމަށް މަޖިލިހަށް ގޮވާލައިފައެވެ.