ހޭންޑް ފޫޓް އެންޑް މައުތު ބަލި ދަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުން ކަމަށާއި ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީޢޭއިން ބުނީ، މި ބަލި ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ކަމަށާއި ހާއްސަކޮށް ކުޑަކުދިން އެއްވެ އުލޭ ތަންތަނުގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން މި ބަލިން ރައްކާތެރި ވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ ގޮވާލާފައެވެ.

ހޭންޑް ފުޓް އެންޑް މައުތް ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލި ފެތުރެނީ ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގެގައި ނަގާ ފޮޅުން ނިކުންނަ ދިޔަ އެހެން ކުއްޖެއްގެ ގައިގަ ޖެހުމުންނެވެ. މި ބަލިޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމަތް ތަކަކީ ހުން އައުމާއި ކާހިތް ނުވުމާއި ވަރުބަލިވުމާއި އަދި ގައިގަ ރިއްސުމާއެކު ކަރުތެރެ ފާރުވުން ފަދަ ކަންކަން ކަމުގައި އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ބަލި ޖެހިފައިވާ ކުދިން ގެންގުޅޭ ތުވާލި، ތަށި އަދި ކުޅޭ ތަކެތި ރަނގަޅަށް ދޮވެ ސާފުކޮށްގެން ނޫނީ އެހެން ކުދިން ބޭނުން ނުކުރުމަށާއި، ކުދިންގެ ސާފުތާހިރުކަމާއި އެކުދިން އުޅޭ މާހައުލުގެ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ބަލިން ރައްކާތެރިވުމަށް ކުރިވޭނެ ކަންކަމެވެ.