ސަލާމަތީ ބާރުތައް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު މާލެ އަތޮޅާއި އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ 14 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މާލޭން ހައްޔަރުކުރި ދެ މީހަކާއި، ގުރައިދޫން ހައްޔަރުކުރި ދެ މީހެއްގެ އިތުރުން، އައްޑޫން ހައްޔަރުކުރި ނުވަ މީހުން ހިމެނެއެވެ.
އުމުރުން 46-18 ދެމެދުގެ މީހުން މި އޮޕަރޭޝަންގައި ހައްޔަރުކުރި ނަމަވެސް، ފުލުހުން އެ މީހުންގެ ވަނަވަރު އާންމުކޮށްފައެއް ނުވެއެވެ.
އެކަމަކު، އެ މީހުންގެ ބަންދުގެ މުއްދަތު ފުލުހުން ވަނީ މިއަދު މީޑިއާ އާ ހިއްސާކޮށްފައެވެ. އެގޮތުން:
- 18އ، 33އ ގެ ދެ މީހުން، 35އ، އަދި 46 އަހަރުގެ މީހާ އަށް ވަނީ 15 ދުވަހުގެ ބަންދެއް ޖަހާފައި
- 19އ، 27އ ގެ ދެ މީހުން އަދި 28 އަހަރުގެ މީހާ އަށް ވަނީ 30 ދުވަހުގެ ބަންދެއް ޖަހާފައި
- 20އ، 27އ، 30އ، 35އ އަދި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި
އެ މައްސަލަ އަދިވެސް ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ
ސަލާމަތީ ބާރުތައް ގުޅިގެން ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ހިންގާފައި ވަނީ ބޮމުގެ އިންޒާރަކާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ބައެއް ފޮޓޯތަކުގައިވާ ގޮތުން، އައްޑޫ ހިތަދޫގެ ގެއެއްގައި އެސްއޯ ފުލުހުން ވަނީ ހަރަކާތްތެރި ވެފައެވެ. އެ ގެ ހުންނަނީ ފުލުހުންގެ ކުރީގެ ޓްރެއިނިން ސްކޫލް ކުރިމަތީގައެވެ.
މިދިޔަ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހުއްޓުވާފައި ވަނީ ގިނަ ބަޔަކު މަރާލަން ދޭން އުޅުނު ހަމަލައެއް ކަމަށެވެ. އެ ހަމަލާ ކާމިޔާބުވި ނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށާއި، އެ އޮޕަރޭޝަން ޑިސްރަޕްޓިވް އޮޕަރޭޝަނެއްގެ ގޮތުގައި ގެންދިޔައީ އެހެންވެ ކަމަށް ވެސް ފުލުހުން ބުންޏެވެ.