ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ 43، އަށް އަންހެން ކުއްޖެއް ލިބިއްޖެއެވެ.

ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެދީފައިވާ ބަތަލާ ބިޕާޝާ ވިހެއީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. މިދިޔަ އޮގަސްޓް މަހު ބަލިވެ އިން ކަން ހާމަކުރުމާއެކު ބިޕާޝާގެ ގިނަ ފޭނުން އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ. އެކްޓަރު ކަރަން ސިންހް ގްރޯވަރު އާއި ބިޕާޝާގެ ކައިވެންޏަށް ހަ އަހަރު ލިބުނު ފުރަތަމަ ދަރިފުޅަށް އެމީހުން ދިން ނަމަކީ ދޭވީ ބާސޫ ސިންހް ގްރޯވަރެވެ.

ބިޕާޝާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ދަރިފުޅަށް ކިޔާ ނަން ހިއްސާކޮށްފައެވެ. އޭނާ ބުނީ ދަރިފުޅު ލިބުމަކީ ވަރަށް ވެސް އެހެން ކަހަލަ އިހުސާސްތަކެއް ކުރުވާ ކަމެއް ކަމަށާއި އާއިލާ އާއެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާކަމަށެވެ.

ކަރަން އާއި ބިޕާޝާ ކައިވެނިކުރީ 2016 ވަނަ އަހަރުގައެވެ. 2015 ވަނަ އަހަރު ނުކުތް ފިލްމު "އެލޯން"ގެ ސެޓުން ދެމީހުން ދިމާވެ ލޯބިވެ ކައިވެންޏާ ހަމައަށް ދިޔައެވެ. ކަރަން ވަނީ މީގެ ކުރިން ދެ ކައިވެންޏެއްކޮށްފައެވެ. އެއީ ޓީވީ ބަތަލާ ޖެނިފާ ވިންގެޓް އާއި ޝްރައްދާ ނިގާމް އާއެވެ. ޖެނިފާ އާއި ކަރަން 2012 ވަނަ އަހަރު ކައިވެނިކުރި އިރު އެ ކައިވެނި ރޫޅުނީ 2014 ވަނަ އަހަރުގައެވެ. ބަތަލާ ޝްރައްދާ އާއި ކަރަން ކައިވެނި ކުރީ 2008 ވަނަ އަހަރުގައެވެ. އެ ކައިވެނި ނިމުމަކަށް އައީ 2009 ވަނަ އަހަރުއެވެ. މީގެ ކުރިން ދެ ކައިވެންޏެއް ކުރި ނަމަވެސް އެއިން އެއްވެސް ކައިވެންޏަކަށް ދަރިން ލިބިފައެއް ނުވެއެވެ.