މަޝްހޫރު ތަރި ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "މިލީ" ފިލްމުގެ ޝޫޓިން އަށް ފަހު ނަފްސާނީ ބައްޔަށް ބޭސްކުރަން ޖެހުނު ކަމަށް ފިލްމުގެ ލީޑު ބަތަލާ ޖާންވީ ބުނެފިއެވެ.
ޖާންވީ ބުނީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފެއްދި އެ ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްވަރު އޭނާ އަށް ނަފްސާނީ ކަންތައްތައް ދިމާވި ކަމަށެވެ. ނަރުސްކަން ކިޔަވަމުން އަންނަ އަންހެން ކުއްޖެއްގެ ރޯލުން ފެނިގެންދާ މި ފިލްމުން ފެނިގެންދަނީ ކޮލެޖު ނިންމުމަށްފަހު ވީނުވީ އެއް ނޭނގި މިލީ (ޖާންވީ) ގެއްލޭ ހިސާބުންނެވެ. ޑީޕް ފްރީޒަރެއް ތެރޭގައި ތާށިވުމުން އެއިން ނުކުންނަން ކުރާ މަސައްކަތް ދައްކުވައިދޭ މި ފިލްމުގައި ޑީޕް ފްރީޒު ތެރެއަށް ވަދެގެން ކުޅެން ޖެހުނު ހުރިހާ ބަޔަކީ ވެސް ވަރަށް އުނދަގޫ ބައިތަކެއް ކަން ޖާންވީ ބުންޏެވެ.
ދުވާލެއްގެ މައްޗަށް 15 ގަޑިއިރު ތެރޭގައި ބަންދުވެފައިވާ ޑީޕް ފްރީޒަރެއްގެ ތެރޭގައި ޝޫޓްކުރި ޖާންވީ ބުނީ އެކަމުގެ ސަބަބުން އޭނާ އަށް އެކި ވަރުގެ ނަފްސާނީ މައްސަލަތައް ކުރިމަތިވި ކަމަށެވެ. އަދި ސައިކޭސްޓްރިކް އަކަށް ދެއްކުމުން ނަފްސާނީ ބައްޔަށް ބޭސްދިން ކަމަށެވެ. ޖާންވީ ބުނީ ފިލްމުގެ ޝޫޓިން ތެރޭގައި ހިނގާ ކަންތައްތައް ނިދާފައި އޮންނައިރު ހުވަފެނުން ފެންނަ ކަމަށާއި ހޭލެވޭއިރު މީހާ ހުންނަނީ މުޅިން ހާސްވެ އެއްކޮށް ދާހިތްލާފައި ކަމަށެވެ.
މި ފިލްމުގައި ޖާންވީ އާއެކު ހަރަކާތްތެރިވާނީ ސަނީ ކޯޝަލް އާއި މަނޯޖް ޕައްވާ އެވެ. މި ފިލްމު މިހާރު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. ޖާންވީގެ ބައްޕަ ބޯނީ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމަކީ ބައްޕަ އާއެކު ޖާންވީ ކުރާ ފުރަތަމަ މަސައްކަތެވެ. މިލީ އަކީ މަލަޔާލަމް ފިލްމު "ހެލެން" ގެ ހިންދީ ރީމޭކެވެ. މަލަޔާލަމް ފިލްމު ހެލެންގެ ބަތަލާ އަނާ ބެން އަށް ވަނީ އެ ފިލްމުގައި ދައްކުވައިދިން މޮޅު އެކްޓިންގެ ސަބަބުން ސްޕެޝަލް ޖޫރީ އެވޯޑު ވެސް ލިބިފައެވެ.
ބަތަލާ ޖާންވީ ކަޕޫރު ބޮލީވުޑަށް ތައާރަފްވީ 2018 ވަނަ އަހަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއެކު ފިލްމު "ދަޅަން" އިންނެވެ.