ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދެމުންދާ ބަހުގެ ހިދުމަތް ފުޅާކުރުމަށް މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން R5 ނަމުގައި އާ ބަސް ރޫޓެއް އިތުރުކުރަން ނިންމައިފިއެވެ.
އެމްޓީސީސީން ބުނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓްތަކާއި ގުޅުވާލުމުގެ މަގްސަދުގައި އިތުރުކުމަށް ހަމަޖެހިފައިވާ R5 ރޫޓުގެ ބަހުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 5:45 އިން އިރުއޮއްސި 6:00 އަށް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ ކޮންމެ ބަސް ހުއްޓިއަކުން ވެސް ބަހުގެ ހިދުމަތް ކޮންމެ 15 މިނެޓަކުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ނަމަވެސް ހުކުރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށް ބަހުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އިތުރުކުރެވުނު އާ ބަސް ރޫޓާއެކު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބަހުގެ ހިދުމަތް ހޯދުމަށް ދިމާވަމުން އައި ދަތިތަކަށް ހައްލު ލިބި، އިތުރު ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ބަސް ރޫޓާ އެކު މާލެ ސަރަހައްދުގައި އާރްޓީއެލުން ބަހުގެ ހިދުމަތް ދޭ ބަސް ރޫޓްގެ އަދަދު 12 އަށް އަރާފައެވެ. އަދި އެ ރޫޓުން ދަތުރު ކުރާ ބަހުގެ ހިދުމަތުގެ އަގަކީ 5 ރުފިޔާ ކަމަށް އެމްޓީސީސީން ބުނެއެވެ.
ޓިކެޓް ނެގުމަށް އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުން ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން، ދަތުރުކާޑު ބޭނުންކޮށްގެން ވެސް މި ބަސް ރޫޓުގައި ކަސްޓަމަރުންނަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އާރްޓީއެލް ބަހުގެ ހިދުމަތް 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެއެވެ. ހަމައެއާއެކު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން، ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށް ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.
ހުޅުމާލޭ ފޭސް2ގެ އެޗް16 ކައިރީ ބެރެބެދިމާ ހިނގުމުގައި ބަސް ސްޓޮޕެއް ނުހެއްދެވޭނެތޯ