މިދިޔަ މަހު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު 600 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތަށް ބަލާއިރު ސެޕްޓެމްބަރު މަހު 370 މީހަކަށް އަދި އޮކްޓޫބަރު މަހު 626 މީހަކަށް ޑެންގީ ހުން ވަނީ ޖެހިފައެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެ ދިޔަ އަހަރުތަކުގެ މިދުވަސްވަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އޮކްޓޫބަރުމަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރި އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެން ކަމުން ޑެންގީހުން ފަދަ މަދިރީގެޒަރީއާއިން ފެތުރޭ ބަލިތައް މަދު ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އަރުދަފުސް ރޯގާއަށް ބަލާއިރު ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 33584 މީހުން ދެއްކި އިރު، އޮކްޓޫބަރު މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ދައްކާފައި ވަނީ 31750 މީހުންނެވެ.

އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އިތުރު ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އޮކްޓޫބަރު މަހު އަރުދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި އަދަދު މަދު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު 3533 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ރިޕޯޓް ކޮށްފައި ވަނީ 3820 ކޭސްއެވެ.

އެޗްޕީއޭއިން ވަނީ ސިއްހީ ގޮތުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުން ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.