ނުވަދިހައިގެ އަހަރުތަކުގައި އާންމުންގެ ބޮޑު ތަރުހީބެއް ހޯދި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ރާއްޖެ އަތުވެއްޖެއެވެ.
އެކްޓަރު ސުނިލް އިއްޔެ ރާއްޖެ އައިސްފައިވާއިރު އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ސިޔާމް މޯލްޑިވްސްގައެވެ. ޗުއްޓީ ހޭދަކުރާގޮތުގެ ވީޑިއޯ އާއި ފޮޓޯ ސުނިލް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާނުކުރި ނަމަވެސް އޭނާ ރާއްޖެއަށް އައި މަންޒަރުގެ ވީޑިއޯ އެއް ވަނީ ވައިރަލްވެފައެވެ.
ހިތްގައިމު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ސުނިލް އޭނާގެ ފިލްމީ ކެރިއަރުގެ މަސައްކަތް ފެށީ 1992 ގައެވެ. އޭނާގެ 30 އަހަރުވީ ފިލްމީ ކެރިއަރުގައި 100 އަށްވުރެ ގިނަ ފިލްމު ކުޅެދީފައިވާއިރު އޭނާ ކުޅޭ ގިނަ ފިލްމުތަކަކީ ވަރުގަދަ އެކްޝަން ރޯލުތަކެއް ހިމެނޭ ފިލްމުތަކެވެ. އުމުރުން 61 އަހަރުގެ ސުނިލްގެ ފިލްމީ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ބަތަލާ ޝިލްޕާ ޝެޓީ އާއި އަކްޝޭ ކުމާރު އާއެކު ލީޑު ރޯލު ކުޅުނު ފިލްމު "ދަޅްކަން" އެވެ. އެ ފިލްމަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.
ފިލްމީދާއިރާއިން ކުޑަކޮށް ދުރަށްޖެހިލައިގެން ހުރި ސުނިލް އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އޭޕްރިލް މަހު ތެލެގޫ ފިލްމު "ގަނީ" ގެ ރޯލަކުންނެވެ. އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ދިލްވާލޭ"، "ކްރިޝްނާ" އަދި "މޭ ހޫ ނާ" ހިމެނެއެވެ. ކުޅަދާނަ އެކްޓަރު ސުނިލް ޝެޓީގެ ދެދަރިން ކަމަށްވާ އާތިޔާ ޝެޓީ އާއި އަހާން ޝެޓީ އަކީ ވެސް ފިލްމީ ތަރިންނެވެ. އާތިޔާ ބޮލީވުޑަށް ތައާރަފްވީ 2015 ވަނަ އަހަރު ނުކުތް ރީތި ފިލްމު "ހީރޯ" އިންނެވެ. އަދި އަހާން ބޮލީވުޑަށް ތައާރަފްވީ މިދިޔަ އަހަރު ނެރުނު ފިލްމު "ތަޅަޕް" އިންނެވެ. އެ ފިލްމުގައި އޭނާ އާއެކު ހަރަކާތްތެރިވީ ތާރާ ސުތައިރާއެވެ.