"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ފުލުހުން ހިނގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި ރައީސް އަބްދު ﷲ ޔާމީންގެ ގެކޮޅާއި ޕީޕީއެމް އޮފީހުގެ އިތުރުން އާންމުންގެ ގޭގޭގައިވެސް ވަނީ ބެނާ ދަމާފައެވެ. އެ ބެނާތައް ނަގަން ފުލުހުން ހިންގި އޮޕަރޭޝަނުގައި ބައިވެރިވި ވަކިވަކި ފުލުހުންގެ މައުލޫމާތާއި އިސްކޮށް ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ އަމިއްލަ ފަރާތަކުން އެދުމުންނެވެ.

އެ މައްސަލަ ހައި ކޯޓުގައި ފުލުހުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ނިމެންދެން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ފުލުހުން އެދުމުން، އެ އެންގުމަށް އަމަލުކުރުން ފަސްނުކޮށްފިނަމަ ފުލުހުންގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބެލެވޭތީ އެ އެންގުމަށް އަމަލުކުރުން ފަސްކުރަން ހައި ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި، އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އޭޕްރިލް 21 ގައި ވަނީ ގަރާރެއް ނެރުއްވާފައެވެ.