މިދިޔަ ޖޫން މަހު އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަކުރި ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އާލިއާ ބަޓް ވިހައިފިއެވެ.
އާލިއާ ވިހޭކަމުގެ ހަބަރު އޭނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އާންމުންނަށް އަންގާފައެވެ. ޗެކަޕް ރޫޓިންގެ ދަށުން އިއްޔެ އާލިއާ ހޮސްޕިޓަލަށް ދިޔަ ތަނުން ވިހަން ތައްޔާރަށް އިން ކަމަށް ބުނެ ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކުރިއެވެ. އޭގެ ދެ ގަޑިއިރެއްހާ ފަހުން އިވިގެންދިޔައީ އާލިއާ ވިހެއި ހަބަރެވެެ.
ބޮލީވުޑްގެ ވާސަޓައިލް ތަރި ރިޝީ ކަޕޫރުގެ ދަރިފުޅު އެކްޓަރު ރަންބީރު ކަޕޫރާއި ކައިވެނިކޮށްގެން އުޅޭ އާލިއާ ބުނީ އެދެމީހުން ހީކުރީ ލިބޭނީ ފިރިހެން ކުއްޖެއް ކަމަށާއި އަދި ތައްޔާރުވީ ވެސް ފިރިހެން ކުއްޖަކަށް ކަމަށެވެ. އަންހެން ކުއްޖެއް ލިބުމުން އެކަންވީ ބޮޑު ސަޕްރައިޒަކަށް ކަމަށް އާލިއާ ބުންޏެވެ. އޭނާ ބުނީ މި ދަރިފުޅު ލިބުމަކީ ދެމަފިރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އާލިއާ ވިހައިފައިވަނީ މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގައި މެންދުރު 12:05 ހާއިރެވެ.
ބަތަލާ އާލިއާ އާއި އެކްޓަރު ރަންބީރު ކަޕޫރު ކައިވެނިކުރީ މިދިޔަ އޭޕްރިލް މަހުގައެވެ. ވަރަށް ޕްރައިވެޓްކޮށް ބޭއްވި މި ހަފްލާގައި ބައިވެރިވީ އާއިލާ އާއި ގާތް ރަހުމަތްތެރިން އެކަންޏެވެ. ގޭ ބެލްކަނީގައި ދެމީހުންގެ ކައިވެނި ބޭއްވުމުން ދެތަރިންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި އޭގެ ދެމަސްފަހުން ސްކޭން ހައްދަން ގޮއްސައި އިންދާ ނެގި ފޮޓޯ އިން ބަނޑުބޮޑުކަން އާލިއާ ހާމަކުރުމުން އެދެމީހުންނަށް އާންމުން ވަނީ ފާޑުކިޔާފައެވެ. އެމީހުން ބުނީ އާލިއާ އާއި ރަންބީރު ކައިވެނިކުރީ އާލިއާ ބަލިވެ އިންކަން ސިއްރުކުރަން ކަމަށެވެ.