1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ފަހުގެ ތާރީހެއްގައި ދިވެހި ގައުމު ދެކުނު އެންމެ ބިރުވެރި އެއް ދުވަހެވެ. އެދުވަހު ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ 8 ބޭކަލުން ޝަހީދުވީ އިރު ހަތިޔާރާއި އެކު މާލެ ތެރެއަށް އެރި ހަނގުރާމަވެރިންގެ ބިރުވެރި ހަމަލާތަކުގެ ޝިކާރައަކަށްވެ މާތް ﷲ ގެ ރަހްމަތްފުޅުން ސަލާމަތްވި ގިނަ ބަޔަކުވެސްވިއެވެ.
މިއީ އެ ދިވެހިންގެ ވާހަކައެވެ.
ޔޫސުފު އަލީ
އިސްލާމީ މަރުކަޒަށްދާން ދިޔަ އިރު ބަޑި ޖަހާ އަޑު އިވެއެވެ. ނަމަވެސް އަަޅުގަނޑަކީ އިސްލާމީ މަރުކަޒުގެ ބަގީޗާ ބަހަލައްޓާ މީހާކަމަށް ވާތީވެ އެތަނަށް ދާން ޖެހޭތީ ބަޑީގެ އަޑު އިވުނު ނަމަވެސް ދިޔައީއެވެ. ގޮސް މެދު ޒިޔާރަތާ ހަމަވިއިރު މުލީއާގޭ ދޮރޯއްޓާ ދިމާގައި ވެއްޓިފައިވާ މީހަކު އޮތީމާ އަޅުގަނޑު ގޮސް ބަލާލިއިރު އެއީ އަޅުގަނޑު ދަންނަ މީހެކެވެ. އޭނާގައި އަޅުގަނޑު އަތް ޖައްސާލި އިރު އޮތީ މަރުވެފައެވެ. އެވަގުތު ސިފައިގެއާވީ ފަރާތުން އައި ދެމީހަކު ހަޅޭއްލަވައިގަތެވެ. އެތަނުން އެކަކު އަތުގައި ބަޑިއޮތެވެ. ބަޑީގެ ކޮޅުގައި ރަތްކުލައިގެ ފޮތިކޮޅެއް އައްސާފައިއޮތެވެ. އެދެމީހުން އައިސް އަޅުގަނޑަށް އެންގީ އައިކޮޅަށް ދިޔުމަށެވެ. ވާހަކަ ދެއްކީ ދިވެހިބަހުންނެވެ. އަޅުގަނޑު ރޯކޮށްގެން ހުރި ސިގިރޭޓްވެސް އަތުލިއެވެ. އަދި އިތުރަށް ސިގިރޭޓް ދިނުމަށް ބުންޏެވެ. ނެތޭ ބުނީމާ އަޅުގަނޑަށް ޖީބަށް އަތްބާނައިގެން ބެލިއެވެ. އެެއްޗެއް ނެތީމާ ބުނީ އަތް މައްޗަށް ނަގައިގެން އައިކޮޅަށް ދިޔުމަށެވެ. ދެން އަޅުގަނޑު ބައިސްކަލަށް އަރާ ދުއްވާލާފައި އަތް ނުނެގި އުޅެނިކޮށް ބަޑިއެއްޖެހިއެވެ. އެއަޑާއެކު ބައިސްކަލުން ވައި ހިނގައްޖެވެ. ދެން ބައިސްކަލުން ފައި ބައިގެން ދިޔައީގެއަށެވެ. ގެއަށް ގޮސް ބެލިއިރު ބައިސްކަލުގެ ހަމަށާއި އަޅުގަނޑު އަނދެގެންހުރި މުންޑުގެ އަތްދޮށަށް ބަޑީގެ ވަޒަން އަރާފައި ހުއްޓެވެ.
ބުރާސްފަތި ދުވަހުގެ އިރު އެރީ ހަމަ އާދައިގެ ދުވަހެއް ހެނެވެ. އާއްމުުކޮށް މަސައްކަތަށް ނިކުންނަ މީހުން ހަމަ އޮފީސްތަކަށް ދާން ނިކުތީ ކުރިމަތީގައި އޮތް ބިރުވެރިކަމުގެ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ.
އިބްރާހިމް މޫސާ
އަޅުގަނޑަށް ހޭލެވުނު އިރު ބަޑިޖަހާ އަޑުކަހަލަ އަޑެއް އިވެއެވެ. ދެން އަޅުގަނޑު ހޭލައިގެން ފަތިސް ނަމާދުކޮށްލައިގެން އަޅުގަނޑު އުޅޭ އޮފީސް ފޮރިން އެފެއާޒްގެ ދިދަ ނަގަންގޮސް ދިދަ ނަގަން އުޅެނިކޮށް ބޭރު ފާރާއި ދިމާއިން ސިފައިންގެ މީހެއް ކަހަލަ މީހަކު އަތުން ދިދަ ނުނަގަން އަންގާތަން ދުށީމެވެ. ނަމަވެސް އަޅުގަނޑު ދެނަހުރި ކަމަކަށް ނުހަދާ ދިދަ ނަގަން އުޅެންފެށިތަނާ އެމީހަކު މަގުމަތީގައި ހުރެ އަޅުގަނޑާ ކައިރިވެފައި ބަޑިދިއްކޮށްފައި ބޭރުބަހަކުން އެއްޗެހިތަކެއް ކިޔައިގެންފައި އަޅުގަނޑާ ދިމާއަށް ބަޑިއެއް ދިއްކުރިއެވެ. ދެން އަޅުގަނޑު ތިރިވެ ދިދަ ކައިރީގައި އޮށޯތްތަނާ ތަންކޮޅެއް ދުރުން މީހަކު ބަޑިއެއް ޖެހިއަޑު އިވުނެވެ. އެބަޑީގެ ވަޒަން ވަތްކަމަށް އަޅުގަނޑަށް ލަފާކުރެވެނީ ފޮރިން އެފެއާޒްގެ އިރުމަތީކޮޅު ސީލިންގައެވެ.
ހަތިޔާރު ހިފައިގެން ތިބި ބާޣީ ހަނގުރާމަވެރިންނާ ދިމާވި ކޮންމެ ދިވެއްސެއްގެ ވާހަކައިން ވެސް ސިފަވެގެންދަނީ އެމީހުންގެ ހިތްވަރުގަދަ ކަމެވެ. ދިމާވެގެން މިއުޅޭ ކަމުގެ ބޮޑު ކަމަށް ނުބަލާ އަމިއްލަ ފުރާނައާ އެނަކުންގެ ސަލާމަތަށް ކުރި މަސައްކަތެެވެ.
އަބްދުﷲ މުހައްމަދު
އަޅުގަނޑުމެން ދޯނިކައިރީގައި އޮތް ދިއްފުށީ އަބްދުއްރަހީމް ދޯނި މަހަށް ދާންވެގެން ދުއްވާލިތަނާ އެދޯނީގެ ވާނަގަށް ދިރުބާކޮޅުގައި އޮތް ދޮން މަނިކު ކިޔާ މީހަކުގެ ގެޔަށް ދަރުމާރުކޭޓުގެ ގަސްދޮށުން ބަޑިހިފައިގެން ނުކުތް ބޭރު ދެމީހުންގެ ތެރެއިން އެކަކު ބަޑިޖެހީއެވެ. އެބަޑީގެ ވަޒަން އެރިކަމަށް ވަނީ ވާއަތް ފަރާތުން ކަރަށެވެ. ދެން އެދޯނި އަނބުރާލާފައި އަޅުގަނޑުމެންގެ ދޯނިއޮތްތަނަކަށް އައިތަނާ ސަގަރު ނާސިރާއެކު ހަތިޔާރު ހިފައިގެން ތިބި ބޭރުގެ ހައެއްކަ މީހުން އަޅުގަނޑުމެން ދޯނި ދޮށަށް އައިސް އަތްމައްޗަށް ނަގައިގެން އަލަށް ހެދި ޕާކާ ދިމާއަށް ދާން އެންގީއެވެ. ދެން އަޅުގަނޑުމެން ދޯނިން ފައިބައިގެން، މެރިންޑްރައިވުން ހުޅަނގުން އިރަށް ދިޔަ ދިޔުމުގައި ކޭ.ޔޫ.އެމް ބިލްޑިންގާ ހަމައިން އަޅުގަނޑަށް އެއީ ކާކުކަން ނޭނގޭ މީހެއްގެގައިގައި ހަތިޔާރު ހިފައިގެން ހުރީ ބޭރު މީހެއްގެ ބަޑީގެ ފޫކޮޅުން ޖަހާ ވައްޓާލިއެވެ. އަޅުގަނޑުމެން ޕާކަށް ގޮސް އެދުވަހު ހަތަރުދަމު އަވީގައި ތިބެ، އެރޭގެ 9 ޖަހަންދެން ފެންފޮދެއް ވެސް ނުލިބި ތިބުމަށްފަހު މަޑުމަޑުން މޫދަށް އެރި ބޮޑު ކަނޑިންމައިން ބޭރަށް ނިކުމެ ތޮށިކައިރިންލާފައިގޮސް މަސްމާރުކޭޓާ ދިމާ ނެރުން ވަދެ ޔޮޓް ދޯންޏަކަށް އަރައިގެން ފިލީއެވެ.
މިފަދަ އެތަށް ވާހަކައެއް އެބަހުއްޓެވެ. އެވާހަކަތައް މިއަދު ވެސް ކިޔަން ޖެހެއެވެ. އެދިވެހިން ކުރި ތަޖުރިބާތައް އިއާދަކުރަން ޖެހެއެވެ. އެދުވަސް މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ.